މިއަހަރުގެ ސެމްޓެމްބަރު މަހު މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގެންފައި ވަނީ 843.04 މިލިއަން ރުފިޔާ ގެ އިތުރުން 6.74 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓުގެ ދަށްވުމެއް ކަމަށް މީރާ އިން ވަނީ ބުނެފައެވެ.
މީރާއިން ބުނީ އާމްދަނީ މިހާ ދަށްވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބޯޑަރު ބަންދުކޮށް، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވުމުގެ ސަބަބުން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއިން ދައްކަން ޖެހޭ ބިމުގެ ކުއްލި ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވާތީ އެދާއިރާއިން ލިބިފައިވާ އާމްދަނީ ދަށްވުމާ ގުޅިގެން މުޅި ޖުމްލަ ލިބުނު އާމްދަނީއަށް އަސަރުކުރީ ކަމަށް ވެސް މީރާއިން ބުނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާއަށް އެންމެބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓެކްސް އިންނެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 385.57 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖީއެސްޓީގެ ގޮތުގައި 217.16 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 150.13 މިލިއަން ރުފިޔާ އެވެ.
ރެސިޑެންޝަލް ޕާމިޓުގެ ގޮތުގައި 21.06 މިލިއަން ރުފިޔާ ލިބިފައިވާއިރު މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 58.04 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާ އިރު 97 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާއިން ބުނީ މިއަހަރުގެ އޮގަސްޓް މަހު އާމްދަނީ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ އިތުރުން 21.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އޮގަސްޓް މަހުގެ އާމްދަނީ އިތުރުވީ ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ދެއްކުން ކޮވިޑްއާ ގުޅިގެން ފަސްކޮށް އޮގަސްޓް މަހު އެފައިސާ ބަލައިގެންފައިވާތީ ކަމަށެވެ.