ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލު ކުރައްވައިފިއެވެ.
ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.
އެބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށާ އެ މީހުން ރާއްޖެއިން ބޭލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަވާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އޭގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާރު 200 އަށް އަރާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ދާދި ފަހުން ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެ ގެނައި އިރުވެސް އިންޑިއާގެ ސިފައިންތަކެއް އައިސްފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ދިވެހިން އެނގެން ބޭނުން ވާނެ ކަމަށްށެވެ.
ނަމަވެސް ހުއްދަ ދީގެން އައިސް، އެގްރީމަންޓް ތަކުގެ ތެރެއިން ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ތަމްރީނުތަކާ އެބާވަތުގެ އެހެން ކަންކަމަކީ އަބަދު ވެސް ހިނގަމުންދާ ކަންކަން ކަމަށް ނަޝީދު ވިދާޅުވެއެވެ. އަދި އެއީ ހަމައެކަނި މިހާރު ހިނގާ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހިންނަން ހުރިހާކަމެއް ހާމަޔަައް ފެންނަން އޮންނަން ޖެހޭނެ.....