އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ކުރަމުން ނުދާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު ރަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ފްލައިން ސްކޫލް ދަރިވަރުންގެ މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވުމާއި ގުޅިގެން ރަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ފުލައިން ސްކޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ލިބެންޖެހޭ އުދުހުމުގެ ތަމްރީނު ނުދޭ މައްސަލަ ހައްލު ކުރުމަށް، މިހާތަނަށް ހަޔާ އެޑިއުކޭޝަނުން ޒިންމާދާރު ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަކަށް ނުފެންނަ ކަމަށެވެ.
ރަޝީދު އެހެން ވިދާޅުވެފައި ވާއިރު، މިނިސްޓަރު ވިދާޅުވެފައި ވަނީ ދަރިވަރުންގެ ކަންބޮޑުވުން ތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސްކޫލާ އެކި ފަހަރު މަތީން ހިއްސާކޮށް، ހައްލު ހޯދައި ދިނުމަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.
އެކަމާ ގުޅިގެން ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އައުމާއެކު އެކި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އެ ސްކޫލަށް ވެސް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި އެ ގޮތުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް އާމްދަނީއެއް ނުލިބި އެ ސްކޫލް ހިންގަމުން ދަނީ ވަރަށް ހާލުގައި ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ކޮވިޑާ ގުޅިގެން ގަމުގައި އެއާކްރާފްޓް ދުއްވުން ވެސް މަނާކޮށްފައިވާ ކަމަށް އެފަރާތުން ބުނެއެވެ.