ކޮވިޑް-19ގެ ސަބަބުން ކޮންމެ ދެމީހަކުން އެކެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ކުރި ސާވޭއަކުން ދައްކައިފިއެވެ.

7 ގައުމެއްގައި 35000 ބައިވެރިންނާއެކު ކުރި މިސާވޭގެ ބައިވެރިވި 51 ޕަސަންޓް މީހުން ބުނި ގޮތުގައި، ކޮވިޑް-19ގެ ސަބަބުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. މި ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކު ބޭނުންވީ އެމީހުންގެ އިހުސާސްތައް އަޑުއަހާނެ މީހެކެވެ.

މި ބަލިމަޑުކަމާއެކު ސައިކޯ ސޯޝަލް ސަޕޯޓްގެ މުހިންމުކަން ހާމަވެގެން ގޮސްފައިވާއިރު، ރެޑް ކްރޮސް އިން ދަނީ މި ބަލިމަޑުކަމުގެ ސަބަބުން މީހުން ކަންބޮޑުވާ މިންވަރު އިތުރުވާކަން ދޭހަކޮށްދެމުންނެވެ. ހަމައެއާއެކު މި ބަލިމަޑުކަމުގެ ސަބަބުން ކުރިން ވެސް ހުރި ނަފްސާނީ ބަލިތައް އިތުރަށް ގޯސްވެ، އާ ބަލިތައް ފެންމަތިވުމުގެ ސަބަބުން ވަނީ ނަފްސާނީ ސިއްހީ ހިދުމަތްތައް ލިބުން ކުރިއަށްވުރެ ވެސް ބޮޑަށް ދަތިވެފައެވެ. މިކަމުގެ ސަބަބުން މިވަނީ ނަފްސާނީ ސިއްހަތުގެ ނިޒާމަށް ގިނަ ހޭދަ ތަކެއް ކުރަން ޖެހޭކަން ހާމަވެގެން ގޮސްފައެވެ.

ހާއްސަކޮށް ނަފްސާނީ ދުޅަހެޔޮ ކަމަށް ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަކީ ޖިސްމާނީ ދުޅަހެޔޮކަން ފަދައިން މުހިންމު އެއްޗެއް.
އައިސީއާރްސީގެ ޑިރެކްޓާ ޖެނެރަލް ރޮބާޓް މަރްދީނީ

އާސީއާރްސީގެ ޑިރެކްޓާ ޖެނެރަލް ރޮބާޓް މަރްދީނީ ވިދާޅުވީ، ކޮވިޑްގެ ސަބަބުން ނަފްސާނީ ގޮތުން އެތައް މިލިއަން ބަޔަކަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމާށެވެ. އެގޮތުން ލޮކްޑައުން ކުރުމުގެ ސަބަބުން އިޖުތިމާއީ ގޮތުން ހަރަކާތްތައް މަދުވުމާއި، އިގްތިސޯދީ ދަތިތައް ކުރިމަތިވުމަކީ އޭގެ ސަބަބުތައް ކަން އޭނާ ފާހަގަކުރެއްވެވިއެވެ.

އައިސީއާރްސީގެ ދިރާސާއިން ދައްކާ ގޮތުގައި އާންމު މީހުންނަށްވުރެ، ކޮވިޑާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރާ ފްރޮންޓްލައިން ވޯކާސްއަށް ނަފްސާނީ ސިއްހީ ފަރުވާ ބޭނުންވެއެވެ. އެގޮތުން ދިރާސާގެ 73 ޕަސަންޓް ބައިވެރިން ބުނާ ގޮތުން، ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި، ދަރުމަވެރިން، ކޮމިއުނިޓީ ވޯކަރުން، ސޯޝަލް ވޯކަރުން އަދި ނިޔާވާ މީހުން އެއްތަނުން އަނެއްތަނަށް އުފުލާ މީހުންގެ އިތުރުން ވެސް ފްރޮންޓާލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ނަފްސާނީ ސިއްހީ އަވަސް ފަރުވާ ބޭނުންވެއެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ނަފްސާނީ ސިއްހީ ފަރުވާ ބޭނުންވަނީ، އެމީހުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމުގެ އިތުރުން، ބައްޔަށް ހުށަހެޅޭ ބަޔަކަށް ވާތީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް އޯގާތެރިވެވޭނީ އެމީހުން ނަފްސާނީ ގޮތުން ދުޅަހެޔޮ ވުމުން ކަމަށް ވެސް އެ ސާވޭއިން ދައްކައެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތަކަކީ އިންސާނީ އެހީގެ ތެރެއިން އެންމެ އަގުހެޔޮ އެއް ހިދުމަތް، ނަމަވެސް އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވެ، އެތައް ބައެއްގެ ދިރިއުޅުމަށް ރަނގަޅު އަސަރުތައް ކުރޭ
އައިއެފްއާސީގެ ސެކެޓްރީ ޖެނެރަލް ޖަގަން ޗާޕަގަން

އައިއެފްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ޖަގަން ޗާޕަގަން ވިދާޅުވީ، މިއީ ކުރިއަށްވުރެ ބޮޑަށް ނަފްސާނީ ސިއްހަތުގެ ނިޒާމަށް ހޭދަ ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ބަލިމަޑުކަމުގެ ތެރޭގައި މީހުންގެ ދިރިއުޅުންތައް އަލުން ނަގާ ކޮޅަށް ޖެހުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮ ކަމާއި ސައިކޯ ސޯޝަލް ސަޕޯޓް މުހިންމު ކަމަށެވެ.

ޕޮލިސީ ލެވެލްގައި ގައުމުތަކުން އެޅުމަށް ރެޑްކްރޮސް އިން އިލްތިމާސްކުރާ ފިޔަވަޅުތައް:

  • ކޮވިޑްގެ ސަބަބުން އަސަރު ކުރި މީހުންނަށް ފަސޭހައިން ނަފްސާނީ ސިއްހީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުން
  • ކޮވިޑްގެ ސަބަބުން ނަފްސާނީ މައްސަލަތައް އިތުރުވާނެ ކަމަށް ބަލާ ނަފްސާނީ ސިއްހީ ފަރުވާ އަދި ސައިކޯ ސޯޝަލް ސަޕޯޓް ގާއިމްކުރެވިފައިވާ މިންވަރު އިތުރުކުރުން
  • ބަލިމަޑުކަމުގައި ނަފްސާނީ ހިދުމަތްތައް ފޯރުކޮށްދީ، އިންސާނީ އެހީ ފޯރުކޮށްދޭ މުވައްޒަފުންނާއި ދަރުމަވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން

މީގެ އިތުރުން މަރްދީނީ ވިދާޅުވީ، ކޮވިޑް-19 އިން މަގުފަހިކޮށްދީފައި ވަނީ ކުރަން ހިތުލައިގެން ހުރި ކަންތައްތައް ކުރުމުގެ ފުރުސަތު ކަމަށާއި، އެކަން ނުވެއްޖެނަމަ މި ބަލިމަޑުކަން އިގްތިސޯދީ، އިޖުތިމާއީ އަދި ސިއްހީ ގޮތުން ވެސް ދިގު ދެމިގެން ހިނގާދާނެ ކަމަށެވެ.