އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ. އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.
މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެށް ބާއްވަފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެ އަޑުއެހުމުގައި އަދުހަމް ވަނީ ދައުލަތުގެ ވަކީލާއެކު ކުރިއަށް ދާން ބޭނުން ނުވާކަމަށް ބުނެ އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. އަދި މައްސަލައިގެ ތުހުމަތުގައި ޖަލުގައި ހޭދަކުރި 5 މަސް ދުވަހުގެ ތެރޭގައި ދައުލަތުން ހަމަޖައްސައި ދިން ވަކީލާ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށް އޭނާ ބުނެފައި ވާއިރު، ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އޭނާއަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަނިޔާވެރިގޮތަކަށް އދ މާމިގިލި/ ކަނީރުމާގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން މިދިޔަ ޑިސެމްބަރު މަހު 4 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލާގައި ގާސިމް މަރާލުމަށް އަދުހަމް ވަނީ ފުރަތަމަ އިއުތިރާފްވެފައެވެ.
ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައިވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ. ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައެވެ.
ނަމަވެސް މައްސަލަ ކޯޓާ ހަމައަށް ގޮސް، ޝަރީއަތުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރުކޮށްފައެވެ. އަދުހަމް ބުނެފައި ވަނީ ކުރިން އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ފުލުހުން އޭނާއަށް މަސްތުވާ އެއްޗެހި ދީގެން މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުންކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.