ލ. ކައްދޫއަށް ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން 'ދަ ޕްރެސް' އަށް އެކަން ކަށަވަރު ކޮށްދީފައި ވާއިރު ޕޮޒިޓިވް ވި 24 ސިފައިންނަކީ ކޮންޓެކްޓް ޓްރޭސިންްގެ ތެރެއިން ޓެސްޓު ކުރެވުނު ބައެއް ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

މިއާއެކު ކައްދޫން ޖުމްލަ 59 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކައްދޫގައި ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ކޮވިޑް 19އަށް ފުރަތަމަ ޕޮޒިޓިވް ވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް 86 މީހުން ވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 57 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 29 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި 86 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،742 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށަކުންނާއި، 20 ރިސޯޓަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 11 ފަތުރުވެރި އަކާއި، 15 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.