ސުލްހައަށްޓަކައި ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެންމެ ޝަރަފުވެރި އިނާމުތަކުގެ ތެރޭގައި ގުނާލެވޭ ނޮބޭލް ސުލްހައިގެ އިނާމު، މި އަހަރު ގެންދާ ފަރާތަކީ، ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫއު (ޑަބްލިއުއެފްޕީ) ކަމަށް އިއުލާން ކޮށްފިއެވެ.
2020 ވަނަ އަހަރުގެ ނޮބޭލް ސުލްހައިގެ އިނާމު، ޑަބްލިއުއެފްޕީއަށް ދިނުމަށް ނިންމާފައި ވަނީ، ބަނޑުހައިހޫނުކަމާ ދެކޮޅަށް އެ މަޝްރޫއުއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
ނޮބޭލް ކޮމިޓީއިން ސިފަކުރާ ހަނގުރާމައާއި ހަމަނުޖެހުންތަކުގައި ޑަބްލިއުއެފްޕީއިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަނީ، ބަނޑުހައިހޫނުކަން ނައްތާލުމުގެ ހަރަކާތްތަކެވެ.
ޑަބްލިއުއެފްޕީއަކީ ނޮބޭލް ސުލްހައިގެ އިނާމު ހާސިލު 101 ވަނަ ފަރާތެވެ.
މި އަހަރުގެ އިނާމުގެ ހައްގުވެރިއަކީ ޑަބްލިއުއެފްޕީކަން އިއުލާން ކުރުމާއެކު އެ މަޝްރޫއުއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ 100 މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާ ފިރިހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މަޝްރޫއުގެ މުވައްޒަފުން އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން ތިބެ ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރި ކަމުގެ އިހުސާސް ކުރުވަނިވި ކަމެއް ކަމަށެވެ.
އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ޑަބްލިއުއެފްޕީގެ އިސްވެރިޔާ ޑޭވިޑް ބީޒްލީ ވިދާޅުވީ، މިއީ އޭނާގެ މުޅި ހަޔާތުގައިވެސް ބުނާނެ އެއްޗެއް ނޭނގި، ބަސް ހުއްޓުނު ފުރަތަމަ ފަހަރު ކަމަށެވެ.
މި އަހަރުގެ ނޮބޭލް ސުލްހައިގެ އިނާމަށް 211 ވަކި ފަރުދަކާ 107 ޖަމިއްޔާއެއް ވަނީ ނޮމިނޭޓް ކޮށްފައެވެ. ނޮބޭލް ފައުންޑޭޝަންގެ ގަވައިދު ބުނާ ގޮތުން، 50 އަހަރު ވުމުގެ ކުރިން ނޮމިނޭޝަން ލިސްޓު އާންމު ކުރުމުގެ ހުއްދައެއް ނޯވެއެވެ. ނޮބޭލް ސުލްހައިގެ އިނާމު ހާސިލު ކުރާނެ ކަމަށް ވަކާލާތު ކުރަމުންދާ ނަންތަކަކީ، ލަފާ ކުރެވޭ ކުރެވުމެއްގެ މައްޗަށް ބިނާކޮށްގެން ކުރަމުންދާ ބަހުސްތަކެކެވެ.
2020 ވަނަ އަހަރުގެ ނޮބޭލް ސުލްހައިގެ އިނާމު ހާސިލު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ވަކާލާތު ކުރި ނަންތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ކްލައިމެޓް އެކްޓިވިސްޓެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ގްރިއެތާ ޓުންބޭއީގެ ނަން ފާހަގަކުރަންޖެހެއެވެ.