ތ. އަތޮޅު ގުރައިދޫގައި މީހުން ދިރިއުޅެމުން ދާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ގާދިއްފުށި ނަމަކަށް ކިޔާ ގެއެއްގައެވެ. އެހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 11:35 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އެހާދިސާ އާ ގުޅިގެން ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާދިއްފުށި ގޭގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެގޭ އައިމިނަތު ދީދީ އަށް ފޯނުން ގުޅުއްވައިފައިވާ ކަމަށެވެ.

އެގޮތުން އައިމިނަތު ވިދާޅުވި ކަން ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާ ތަކުގައި ދަންނަވާ އެކަން ބައްލަވަމުން ގެންދަވާ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

އެ ގެއަކީ އަންހެނަކާއި، އޭނާގެ ދަރިފުޅު ދިރިއުޅެމުންދާ ގެއެކެެވެ. އެ ހާދިސާގައި އެގޭގައި ހިފާ ގެންގުޅޭ ހުރިހާ ތަކެެއްޗަށްވެސް ގެއްލުން ލިބިފައި ވާއިރު އެ ދެމައިންގެ ބޯހިޔާވަހިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ މަޝްވަރާތައް ކައުންސިލުން މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާންގަނޑު ނިއްވާލާފައި ވަނީ އެރަށު ފުލުހުންނާއި އާންމުން ވެގެންނެވެ.