ގައުމު ތަކުގައި ބޭރުގެ ސިފައިން ތިބެނީ ސިއްރު އެއްބަސްވުމެެއްގެ ދަށުން ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ ވިދާޅުވީ އެހެން ގައުމުތަކުގައި ބޭރު ސިފައިން ތިބެނީ އިންޓަނޭޝަނަލް ރިޒޮލިޔުޝަނެއްގެ ދަށުން ނުވަތަ ފެންނަން އޮތް އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެއީ ސިއްރު އެއްބަސްވުމެެއްގެ ދަށުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ދީދީ އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށާއި އެ މީހުން ރާއްޖެއިން ބޭލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން އަންނަ ދަނދިވަޅެއްގައި އެ އަދަދު ހާމަ ކުރަން ކަމާބެހޭ އިދާރާތަކުން ދެކޮޅުހަދާތީއެވެ. އަދި އިންޑިއާ ސިފައިން ތިބުމާ މެދު އެންމެ ހާމަކަން ބޮޑުކޮށް ވާހަކަ ދައްކަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައި ވާ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ދިވެހިން އެނގެން ބޭނުން ވާނެ ކަމަށްށެވެ.

ނަމަވެސް ހުއްދަ ދީގެން އައިސް، އެގްރީމަންޓް ތަކުގެ ތެރެއިން ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ތަމްރީނުތަކާއި އެބާވަތުގެ އެހެން ކަންކަމަކީ އަބަދު ވެސް ހިނގަމުންދާ ކަންކަން ކަމަށް ނަޝީދު ވިދާޅުވެއެވެ. އަދި އެއީ ހަމައެކަނި މިހާރު ހިނގާ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާރު 200 އަށް އަރާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފަޅުކުރަމުންނެވެ. އެގޮތުން ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެމީހުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަކާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.