މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ކަނޑައަޅުއްވައިފިއެވެ.

އެޓާނީ ޖެނަރަލް އޮފީސް (އޭޖީ) އިން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުއަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަން ވާނެ ކަމުގައި، އެ ގާނޫނުގެ 187 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު ކަނޑައެޅުއްވާފައި ވާ ކަމަށް އޭޖީން ވަނީ ބުނެފައެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އެފަދައިން ކަނޑައެޅުއްވުމާއެކު، އެ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 187 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގާއިމު ކުރަން ޖެހޭނެއެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އެފަދަ އިދާރާއެއް މިއަދު ކަނޑައެޅިގެން ދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުން ދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެ ކަމަށް އޭޖީ އިން ވަނީ ބުނެފައެވެ.