ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ މިހާރަކަށް އައިސް ކަސްޓަމަރުންނަށް ނޭނގި ކާޑުގެ ބޭނުން ކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުން ދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެފަދަ ސައްހަ ނޫން މުއާމަލާތް ތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބައެއް ޕޭޕަލް މާޗަންޓުން ބްލޮކް ކޮށްފައި ކަމަށާއި އެއީ އާންމު އުސޫލުގެ މަތިން ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ބޭންކުން އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

އެ މާޗަންޓުން ބްލޮކް ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމުގައި ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށާއި އެހެން ކަމުން ބީއެމްއެލުން މިހާރު ވަނީ ޕޭޕަލްގައި ހުރި ހުރިހާ މާޗެންޓުން އަންބޮލޮކް ކޮށްފައި ކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެއެވެ.

ނަމަވެސް، ބީއެމްއެލް އިން ކުރިޔަށް އޮތް ތާނގައިވެސް އެފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދި މާޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަ ކުރުމަށާއި، ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީ ސެކުއާ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެކެވެ.

ކާޑާއި އެކައުންޓުންގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތް ތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުމަށާއި އެގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، އެ މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަން ވާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.