މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިން، މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ލިބޭ ވަރު ވާނެ ކަމަށް، ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑެމިއޮލޮޖީ ޕްރޮފެސާ، މާކް ލިޕްސިޗް ލަފާ ކުރައްވައިފިއެވެ.

އެމެރިކަން ލަންގް އެސޯސިއޭޝަންގެ އިވެންޓެއްގައި ވާހަކަދައްކަވަމުން ޕްރޮފެސާ ލިޕްސިޗް ވިދާޅުވީ، ވަކި ވަކި ގުރޫޕުތަކަށް ހާއްސަކޮށްގެން ޑިސެމްބަރު މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، މި ވެކްސިނަކީ ކުއްލި ހާލަތުގެ ބޭނުމަށް ދޫކުރާ ވެކްސިނަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުއްލި ހާލަތުގެ ބޭނުންތަކުގެ ބޭރުން، އާންމު އުސޫލުން ބޭނުން ކުރާނެ ވެކްސިނެއް ލިބޭ ވަރު ވާނީ، 2021 ވަނަ އަހަރުގެ ފިނި މޫސުމުގެ ދުވަސްވަރަށް ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޕްރޮފެސާ ލިޕްސިޗް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސިއްހަތާ ބެހޭ އޮފިޝަލު، ޑރ އެންތަނީ ފައޫޗީވެސް ވަނީ ކޮވިޑް-19ގެ އެންމެ ނުރައްކާ ބޮޑު ގިންތިތަކަށް ހާއްސަކޮށްގެން، ޑިސެމްބަރު މަހު ވެކްސިން ދެވެން ފެށޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، އާންމު ބޭނުންތަކަށް ވެކްސިން ތަރައްގީ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެ ފަހުގެ މަރުހަލާގެ ތަހުލީލުތަކުގައި 10 ކެންޑިޑޭޓެއް އޮތްކަން ފާހަގަކުރަންޖެހެއެވެ.