ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

ސަލީމް އެޑްމިޓް ކުރީ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އޭނާ އެޑްމިޓް ކޮށްފައި ވަނީ ޓެސްޓުތަކެއް ހެއްދުމަށެވެ. އަދި ޓެސްޓުތައް ހެދުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ ވަނީ ގެއަށް ދޫކޮށްލާފައެވެ. ސަލީމް ގެއަށް ދޫކޮށްލި އިރު، އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އޭނާ އެޑްމިޓް ކުރީ ކޮން ކަހަލަ ބައްޔެއް ވެގެން ކަމެއް ނޭނގެއެވެ.

މި ހަބަރު ލިބިފައި މިވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ވަނީ 65 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި 14 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 54 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 11 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،530 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1125 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 492 މީހަކު އެބަތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި 10،530 މީހުންގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 20 ރިސޯޓަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 10 ފަތުރުވެރިއަކާއި، 16 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.