އެއްވެސް މަޝްރޫއުއެއް ހުއްޓާލުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓާ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ސުވާލު ކުރުމުގެ ވަގުތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއްވެސް އިރެއްގައި ފަށާފައި އޮތް ޕްރޮޖެކްތެއް ހުއްޓާލެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިވަގުތު ވަރަށް ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބައެއް މަޝްރޫއު ފެށުމާ ވަރަށް ގާތަށް ގޮސްފައިވެސް ނުފެށިފައި ހުރި ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެއްވެސް އިރެއްގެ ފަށާފައޮތް ޕްރޮޖެކްތެއް ހުއްޓާލެވިފައެއް ނުވާނެ، މިވަގުތު ވަރަށް ގިނަ މަޝްރޫއެއް އެބަހުރި މަޑުޖެހިލާފަ، އަދި ބައެއް މަޝްރޫއު އެބަހުރި ފެށުމާ ވަރަށް ގާތަށް އައިސްފައި ހުއްޓާ ނުފެށިފައި ވެސް، އެއީ މިއަދުގެ ހާލަތު އޮތް ގޮތް، އަޅުގަނޑުމެން ބަޖެޓުގައި ހުރި ދަތިކަން އަޅުގަނޑަށް އެނގޭ ފަދައިން އިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ސާފުވެވަޑައިގަންނަވާނެ ކަން އަޅުގަނޑަށް ޔަގީން،
ޕްލޭނިން މިނިސްޓާ, މުހައްމަދު އަސްލަމް

މިއަދުގެ ހާލަތުގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއްވެސް މަޝްރޫއެއް، ފެއްޓި އަދި ފަށަން އޮތް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.