އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ރޭ 7-2 އަކުން އެސްޓަން ވިލާ އަތުން ބަލިވެއްޖެއެވެ.
މިއީ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމެއްގެ ކޮޅަށް 7 ލަނޑު ވަތް ފުރަތަމަ ފަހަރެވެ. އަދި މިއީ 1963 ވަނަ އަހަރުގެ ފަހުން ލިވަޕޫލް ކޮޅަށް 7 ލަނޑު ވަތް ފުރަތަމަ ފަހަރު ވެސް މެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ވިލާއިން ޖެހީ 4 ވަނަ މިނެޓްގައި ލިވަޕޫލްގެ ކީޕަރު އެޑްރިއަންއަށް ހެދުނު ގޯހަކުން ވިލާގެ ޒުވާން ފޯވަޑް އޯލީ ވޮޓްކިންސްއެވެ. މިއީ އޭނާ ވިލާއާ ގުޅުނު ފަހުން ޖެހި ފުރަތަމަ ލަނޑެވެ. މި މެޗުގެ ފުރަތަމަ ހާފްގައި އިތުރު ދެ ލަނޑު ޖަހާ ވޮޓްކިންސް ވަނީ ހެޓްރިކް ހަދާފައެވެ. މިއީ 10 އަހަރުގެ ފަހުން ލިވަޕޫލާ ދެކޮޅަށް އިދިކޮޅު ޓީމެއްގެ ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.
ވިލާއިން ހާފް ނިމުމުގެ ކުރިން ލިވަޕޫލް ކޮޅަށް އިތުރު ހަތަރު ލަނޑު ޖެހި އިރު ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ދެވަނަ ހާފްގައި ލިވަޕޫލްއިން ފަހަތުން އަރާ ސްކޯ ހަމަ ހަމަ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ދެން ވެސް ލަނޑު ޖެހީ ވިލާއިންނެވެ. ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ދެލަނޑު ޖެހި އިރު ޗެލްސީއިން އަލަށް ގުޅުނު ރޮސް ބާކްލީ އަދި މެގިން ވެސް ވަނީ މިމެޗުގައި ލަނޑު ޖަހާފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ސަލާހުއެވެ.
ރޭގެ މެޗުން ބަލިވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި ކީޕަރަށް ހެދުނު ކޮހަކުން ވިލާ ގޯލު ޖެހި ހިސާބުން ލިވަޕޫލްގެ ކުޅުންތެރިން ބަލި ގަބޫލުކޮށްފި ކަމަށެވެ. އެހެން ނަމަވެސް 7-2 އަކުން އެސްޓަން ވިލާ އަތުން ލީގު މެޗެއްގައި ބަލިވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށާ ވިލާއިން ރޭގައި މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.
އެސްޓަން ވިލާގެ ކޯޗު ޑީން ސްމިޓް ބުނީ މިދިޔަ ސީޒަންގައި ރެލިގޭޝަންއިން ސަލާމަތްވުމަށް ޓީމުން ދެއްކި ފޯރި އަދިވެސް ޓީމުގައި އެބަހުރި ކަމަށާ މިސީޒަން ފެށެންވާ އިރަށް އާކުޅުންތެރިން ގަނެ ޓީމު ވަރުގަދަކޮށްފައިވާނެ ކަމަށެވެ.