ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ޖީބަށް ލުއި ގޮތަކަށް ޓެސްޓު ކުރެވޭނެ ޓެކްނޮލޮޖީއެއް އިންޑިއާގެ ސައެންސްވެރިންގެ ޓީމަކުން އީޖާދު ކޮށްފިއެވެ.

ކަރުދާސް ބޭނުންކޮށްގެން ތަރައްގީ ކޮށްފައި ވާ މި ޓެސްޓަކީ، ބައިލެވެ އިންތޯ ބެލުމަށް ގޭގައި ހަދާ ޓެސްޓުތައް ހާ އަވަހަށް ނަތީޖާ ލިބޭ، އެހާމެ ފަސޭހައިން ބޭނުން ކުރެވޭ ޓެސްޓު ކިޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އަދަބީ ވާހަކަތަކުގައި އުޅޭ ހިޔާލީ ޑިޓެކްޓިވްއެއް ކަމަށްވާ "ފެލޫދާ"ގެ ނަމުން ނަންދީފައިވާ މި ޓެސްޓު ކިޓް ފަރުމާކޮށް ފައިވަނީ، ޖީން-އެޑިޓިންގް ޓެކްނޮލޮޖީ – "ކްރިސްޕާ" އަށް ބިނާކޮށެވެ. ގާތްގަނޑަކަށް ގަޑިއެއް ހާއިރުވެސް ނުވަނީސް ނަތީޖާ ލިބޭނެ ކަމަށް ސައެންސްވެރިން ބުނާ މި ޓެސްޓު ކިޓް އަގަކީ 500 ރުޕީޒްއެވެ.

ސައެންސްވެރިންގެ މި އީޖާދު، ސިނާއީ ފެންވަރުގައި އުފައްދާނީ އިންޑިއާގެ ކޮންގްލޮމަރޭޓް – ޓާޓާއިންއެވެ. މިއީ، ކަރުދާސް ބޭނުންކޮށްގެން ކޮވިޑް-19އަށް ޓެސްޓު ކުރެވޭ ގޮތަށް ތަރައްގީ ކޮށްގެން މުޅި ދުނިޔޭގައިވެސް ބާޒާރަށް ނެރޭ ފުރަތަމަ ކިޓަށް ވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ފާއިތުވީ ދޮޅުމަހެއްހާ ދުވަހު އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އިންޑިއާއިން/ފޮޓޯ: ގެޓީ އިމޭޖަޒް

ފެލޫދާ ތަރައްގީ ކޮށްފައިވަނީ ދިއްލީގައި ހުންނަ އިންސްޓިޓިއުޓް އޮފް ޖީނޮމިކްސް އެންޑް އިންޓަގްރޭޓިވް ބައޮލޮޖީ (އައިޖީއައިބީ) އިންނެވެ. އައިޖީބީއައިބީގެ އިތުރުން ބައެއް ޕްރައިވެޓް ލެބްތަކުންވެސް މި ވަނީ، 2000 އެއްހާ މީހުން ބައިވެރިކޮށްގެން ފެލޫދާ ޓެސްޓު ކޮށްފައެވެ. މީގެ ތެރޭގައި، ކޮވިޑް-19 ޕޮޒިޓިވްވިކަން ކަށަވަރުވެފައިވާ މީހުންވެސް ހިމެނިއެވެ.

ޓެސްޓެއްގެ ނަތީޖާގެ ސައްހަކަން ކަށަވަރު ކުރުމުގައި ވަޒަން ކުރާ ދެ މިންގަނޑަކީ ސެންސިޓިވިޓީއާއި ސެޕްސިފިސިޓީ ކަމަށް ވާއިރު، ފެލޫދާގެ ސެންސިޓިވިޓީ ލެވަލް ހުރީ 96 ޕަސެންޓްގައެވެ. ސްޕެސިފިސިޓީ ލެވަލް ހުރީ 98 ޕަސެންޓްގައެވެ. ސެންސިޓިވިޓީ މަތިވާ ވަރަކަށް، ބަލި ހުންނަ ހުރިހާ އެންމެ ދެނެގަތުމަށް ފުރުސަތު ބޮޑުވެއެވެ. ސްޕެސިފިސިޓީ މަތިވާ ވަރަކަށް، ބަލި ނެތް މީހުން ވަކި ކުރަން ފަސޭހަވެއެވެ. ސެންސިޓިވިޓީ އަކީ ފޯލްސް-ނެގެޓިވް ނުވަތަ ސައްހަ ނޫން ނެގެޓިވް ނަތީޖާ އުނިކުރާ ގިންތިއެކެވެ. ސްޕެސިފިސިޓީ އަކީ ފޯލްސް ޕޮޒިޓިވް ނުވަތަ ސައްހަ ނޫން ޕޮޒިޓިވް އުނިކުރާ ގިންތިއެވެ.

އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން މިހާރު ވަނީ ވިޔަފާރީގެ ބޭނުމަށް މި ކިޓް އުފެއްދުމަށް ހުއްދަ ދީފައެވެ.

ކުޑަ ހަރަދަކުން، ލުއި ފަސޭހަ ގޮތަކަށް ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ އާ އީޖާދެއް އިންޑިއާގެ ސައެންސްވެރިން ކޮށްފައި މިވަނީ، އެކަށީގެންވާ މިންވަރެއްގައި އިންޑިއާއިން ކޮވިޑް-19އަށް ޓެސްޓު ކުރަމުން ނުދާ ކަމުގެ ޝަކުވާތައް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދަނީ އިންޑިއާއިންނެވެ. ކަން މިހެން އޮތްއިރު، އެކަށީގެންވާ ގޮތެއްގައި ޓެސްޓު ކުރެވޭނެމަ، ހަގީގީ ކޭސް ނަމްބަރު އަދިވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް ބުނެވެއެވެ.

ފެލޫދާ ޓެސްޓު ކިޓުންވެސް ސާމްޕަލް ނަގަނީ، ޕީސީއާރް ޓެސްޓަށް ސާމްޕަލް ނަގާ ފަދައިން، ނޭފަތުގެ އެންމެ އެތެރެއަށް އެއްޗެއް ލައްވައިގެންނެވެ. ކުޅު ބޭނުންކޮށްގެން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ހުއްދައެއް ނުދެއެވެ. ފެލޫދާއިން ކޮވިޑް-19 ދެނެގަންނަނީ ކްރިސްޕާ ޓެކްނޮލޮޖީގެ އެހީގައެވެ. ބަނޑު ބޮޑުތޯ ބެލުމަށް ހަދާ ޓެސްޓު ފަދައިން، (ނޫކުލައިގެ) 2 ރޮނގު ކޮޅުން ރަމްޒުކޮށްދެނީ ޕޮޒިޓިވް ކަމެވެ. އަދި (ނޫ ކުލައިގެ) 1 ރޮނގު ކޮޅުން ދައްކައިދެނީ ނެގެޓިވް ކަމެވެ.