ދީނަށް ފުރައްސާރަ ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް މިހެން ގޮވާލައްވާފައި ވަނީ ދާދި ފަހުން ބިދޭސީއެއް މަސްތުގެ ހާލަތުގައި ހުރެ މަގުމަތީގައި ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާ ވީޑީއޯއެއް ވައިރަލް ވެފައިވާ ދަނޑިވަޅެއްގައެވެ.
ގާސިމް ވިދާޅުވީ، މިހާރަކަށް އައިސް މާތްﷲ ވޮޑިގެން ނުވާކަމަށް ބުނަމުން ދިއުމާއި ކީރިތި ރަސޫލާއަށް ތަފާތު ގޮތްގޮތަށް ދިމާކޮށް އެކި ކަހަލަ މަލާމާތްކޮށް މިގައުމުގައި ވަރަށް ފާޅުގައި ފާޑުކިޔަމުން ގެންދާ ކަމަށެވެ. އަދި އެފަދަ ކަންކަން އެންމެ ހަރުކަށި އިބްރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގާސިމް ގޮވާލެއްވިއެވެ.
ގާސިމް މި ފަދައިން ގޮވާލާފައިވާ އިރު ދާދި ފަހުން ވައިރަލް ވި ވީޑިއޯއިން ފެންނަ ބިދޭސީ މީހާ ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
އޭނާ ބަނދުން ދޫކޮށްލި ނަމަވެސް ފުލުހުން ބުނެފައި ވަނީ މަސްތުގެ ހާލުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އެ ބިދޭސީ މީހާ މަސްތުގެ ހާލުގައި ހުރެ މަގުގެ ދުވާރު މަތީ އިށީނދެ އިނދެ ވާހަކަ ދައްކާ ވީޑިއޯގައި އޭނާ ވަނީ ދީނަށް ފުރައްސާރަ ކުރާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. ބައެއް ބައި ބައި އިނގިރޭސި ބަހުން ބުނާއިރު އަނެއްބައި ތަންތަން އޭނާ ކިޔަމުން ދިޔައީ އޭނާގެ ގައުމުގެ ބަހުރުވައިންނެވެ.