މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު 6 މަހެއްހާ ދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު، އުމްރާގެ މަތިވެރި އަޅުކަން ފަށައިފިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއިން އެޅި ފިޔަވަޅުތަކާއެކު އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށްފަހު، ފުރަތަމަ ފަހަރަށް ގުރޫޕަކުން އުމްރާގެ އަޅުކަން ކުރިއަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
މަސްޖިދުލް ޙަރަމްގެ ކަންކަން އާންމު ކުރަމުންދާ ސޯޝަލް މީޑިއާ އެކައުންޓުން ވަނީ އެ މަންޒަރުތައް ހިއްސާކޮށްފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން އަދި މުޅިން ނިމުމަކަށް އައިސްފައި ނުވި ނަމަވެސް، އުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލާފައި ވަނީ ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާވެސް އެކުގައެވެ.
އުމްރާވުމަށް އަންނަ ގުރޫޕުތައް ބަދަލުވާ ވަގުތުގައި މުޅި ސަރަހައްދު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާކަމަށް ވެސް ހަބަރު ލިބެއެވެ. އެގޮތުން 400 އެއްހާ ބަތޮލުންގެ މަސައްކަތުން، އެންމެ 15 މިނެޓްގެ ތެރޭގައި މަސްޖިދުލް ހަރަމް ޑިސްއިންފެކްޓް ކުރި ކަމަށް ހަރަމައިންއިންފޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ފާހަގަކޮށްފައި ވެއެވެ.
މި ހިނގާ އޮކްޓޯބަރު މަހު އުމްރާއަށް ފުރުސަތު ހުޅުވާލާނެ ކަން ސައުދީއިން ހާމަކުރީ ހުސްވި މަހުގެ ފަހުކޮޅުއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުމްރާ ދަތުރުތަކާ، އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށްފަހު، އުމްރާ ވުމަށް ފުރުސަތު ދިނުމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވަނީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޝަރުތާވެސް އެކުގައެވެ.
އުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ވާއިރު، ފުރަތަމަ މަރުހަލާގެ ދަށުން އުމްރާ ވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ސައުދީގައި ދިރިއުޅެމުންދާ އެ ގައުމުގެ ރައްޔިތުންނާ ބިދޭސީންނަށެވެ. ފުރަތަމަ މަރުހަލާގެ ކެޕޭސިޓީއަކީ އާންމު އުމްރާ ސީޒަނެއްގެ 30 ޕަސެންޓް ކަމަށާ، އެއީ ދުވާލެއްގެ ގާތްގަނޑަކަށް 6000 މީހުން ކަމަށް މައުލޫމާތު ލިބެއެވެ. ދެވަނަ މަރުހަލާ ތަންފީޒު ކުރަން ފެށުމަށް ތާވަލު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހަށެވެ. މި މަރުހަލާގައި މަސްޖިދު އަލް-ޙަރަމްގައި އުމްރާ ވެވޭ ކެޕޭސިޓީ 15000 މީހުންނަށް އިތުރުކޮށް، އަޅުކަން ކުރުމަށް ދުވާލެއްގެ މައްޗަށް 40000 މީހުންނަށް އެ މިސްކިތަށް ވަދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ގައުމުން ބޭރުން ސައުދީއަށް ދަތުރުކުރާ ފަރާތްތަކަށް އުމްރާ ވުމުގެ ފުރުސަތު ދެނީ 3 ވަނަ މަރުހަލާގައެވެ. 3 ވަނަ މަރުހަލާ ފެށުމަށް ތާވަލު ކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. މިއީ ފުލް-ކެޕޭސިޓީގައި ހިންގައިގަންނާނެ މަރުހަލާއެކެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުވާލަކު 20000 އުމްރާ ވެރިންނަށް ފުރުސަތު ލިބޭނެ ކަމަށާ، އަޅުކަން ކުރުމަށް ދުވާލަކު 60000 މީހުންނަށް ފުރުސަތު ދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
4 ވަނަ މަރުހަލާއަކީ މަސްޖިދު އަލް-ޙަރަމް، އާންމު ހާލަތަށް ގެނެވޭ މަރުހަލާއެވެ. އެއީ ކޮވިޑް-19ގެ ހުރިހާ ނުރައްކަލެއް ފިލާ ދިއުމުން ތަންފީޒު ކުރާ މަރުހަލާއެކެވެ.