މިސީޒަންގައި އަލަށް އިންގްލިޝް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑާ މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗު 1-1 އަކުން އެއްވަރު ވެއްޖެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރީތި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ލީޑްސްއިން އުފެއްދި ދެ ހަމަލާއެއް ގޯލުތަކަށް ބަދަލުނުވެ ހިފަހައްޓާފައިވަނީ ސިޓީ ކީޕަރު އެންޑާސަންގެ ހުށިޔާރު ކަމުންނެވެ.

އެހެން ނަމަވެސް މެޗުގެ 59 ވަނަ މިނެޓްގައި ލީޑްސްއިން ޖެހި ލަނޑު ސިޓީގެ ގޯލަށް ވަނުމުގައި ވެސް އެންޑާސަންގެ ރޯލެއް އޮތެވެ. މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ ފަހު ހާފްގައި ކުޅެން ނިކުތް ރޮޑްރީގޯއެވެ.

މެޗު ނިމެން ދިޔަ އިރު ވެސް ސިޓީއިން ލީޑްސްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރި ނަމަވެސް ސިޓީއަށް ދިފާއުކުރަން ޖެހުނު ހަމަލާތައް ވެސް މަދެއް ނޫނެވެ. 1-1 ގެ މި ނަތީޖާއެކު ސިޓީއަށް އަނެއްކާވެސް ދެ ޕޮއިންޓް ގެއްލުނު އިރު މިދިޔަ ހަފްތާގައި އެޓީމުން ވަނީ ލެސްޓާގެ އަތުން 5-2 އަކުން ބަލިވެފައެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީއިންނެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމު މިހާރު އޮތީ ތާވާލުގެ އެއްވަނާ ދުރުގައި ކަމަށާ މެޗުތަކުން މޮޅުވާން އެބަޖެހޭ ކަމަށެވެ.

ލީގަށް އަލަށް ޕްރޮމޯޓްވި ނަމަވެސް ލީޑްސްގެ ފަރާތުން މިހާތަނަށް ތަފާތު މޮޅު ކުޅުމެއް ފެނިފައިވާ އިރު އެޓީމުގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ ސިޓީއާ ދެކޮޅަށް މޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާ 1-1 ގެ ނަތީޖާއަކީ އެންމެ އިންސާފުވެރި ނަތީޖާ ކަމަށެވެ.