އިންގްލިޝް ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްގެން 12 ޕޮއިންޓް ހޯދާ އެވަޓަން ތާވާލުގެ އެއްވަނައަށް އަރައިފިއެވެ.

އެވަޓަން ވަނީ ރޭ 4-2 އަކުން ބްރައިޓަން ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އެވަޓަންއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މިހާތަނަށް 9 ލަނޑު ކާމިޔާބުކޮށްފައިވާ އިނގިރޭސި ފޯވަޑް ޑޮމިނިކް ކެލްވިޓް ލުވީންއެވެ.

ފުރަތަމަ ހާފް ނިމެން ދަނިކޮށް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޮޑަށް ހެދުނު ގޯހަކުން ބްރައިޓަންގެ ނީޕް މައުޕޭ ވަނީ ސްކޯ 1-1 އަށް ހަދާފައެވެ. އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ ޖަހާ ދިން ލަނޑާއެކު އެޓީމުގެ އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ.

ދެވަނަ ހާފްގައި ވެސް އެވަޓަންގެ ފަރާތުން ހިތް ގައިމު ކުޅުމެއް ފެނިގެން ދިޔަ އިރު މިސީޒަންގައި އަލަށް އެޓީމާ ގުޅުނު ހަމޭސް ރޮޑްރީގޭޒް ވަނީ އިތުރު ދެލަނޑު ޖަހާދީފައެވެ. މީގެ ކުރިން ރިއަލް މެޑްރިޑް އަދި ބަޔާން މިއުނިކްއަށް ވެސް ކުޅެފައިވާ ރޮޑްރީގޭޒްގެ ފަރާތުން މިހާތަނަށް ފެނިފައިވާ މޮޅު ކުޅުން ގިނަބައެއްގެ ލޮލުގައި ވަނީ އަޅައިގެންފައެވެ.

މެޗު ނިމުމުގެ ކުރިން ބްރައިޓަންއިން ވަނީ އިތުރު ލަނޑެއް ޖަހާ ސްކޯ 4-2 އަކަށް ހަދާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިވޭސް ބޮސޫމާއެވެ. މިއާއެކު ބްރައިޓަން މިވަނީ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައެވެ.