މިސީޒަންގެ ފުރަތަމަ ޓްރާންސްފާ ވިންޑޯގައި 200 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހަރަދުކޮށް ޗެލްސީއަށް ގަނެފައިވާ އާކުޅުންތެރިންނާ މެދު ކެތްތެރިވުމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް އެދިއްޖެއެވެ.

އިއްޔެ އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީއިން 4-0 އަކުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ހޯދި ކާމިޔާބީއަށް ފަހު ވާހަކަ ދައްކަވަމުން ލަމްޕާޑް ބުނީ ޓީމަށް އަލަށް ގެނައި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގިނަ ފަރާތްތަކުން ދެކޭ ކަމަށާ އެކުޅުންތެރިންނަށް ހުނަރު ދެއްކުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. މިދިޔަ ސީޒަން ތާވާލުގެ ހަތަރު ވަނައިގައި ނިންމާލުމަކީ ކާމިޔާބީއެއް ކަމަށާ އޭނގެ ފަހުން މިސީޒަންގައި ޗެމްޕިއަންކަން ލިބޭނެ ކަން ދެކިގެން ނުވާނެ ކަމަށް ވެސް ލަމްޕާޑް ބުންޏެވެ. އަދި އޭނާ މަސައްކަތް ކުރަމުންދަނީ ޓީމުގެ ކުޅުން މިހާރަށް ވުރެ ވެސް ރަނގަޅުކުރުމަށް ކަމަށާ މިކަމުގައި ކުޅުންތެރިންވެސް އޭނާއަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ލަމްޕާޑް މިހެން ބުނި އިރު އިއްޔެގެ މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ޗެލްސީއިން 45 މިލިއަން ޕައުންޑަށް ލެސްޓޭއިން ގަތް ޑިފެންޑަރު ބެން ޗިލްވެލްގެ ފަރާތުންނެވެ.

މެޗުގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު ޗިލްވެލް ކާމިޔާބުކޮށްދިން އިރު މެޗުގެ 66 ވަނަ މިނެޓްގައި އޭނާ ނަގާ ދިން ހުރަހަކުން ޗެލްސީގެ ޑިފެންޑަރު ޒޫމާ ވަނީ ލަނޑެއް ޖަހާފައެވެ. ދެން ޗެލްސީއިން ޖެހި ދެލަނޑަކީ ވެސް ލިބުނު ދެ ޕެނަލްޓީއިން ކާމިޔާބުކުރި ދެ ލަނޑެވެ. މި ލަނޑުތައް ކާމިޔާބުކޮށް ދިނީ ޖޯޖީނިއޯއެވެ.

މިއީ މިސީޒަންގައި ކްރިސްޓަލް ޕެލަސް ބަލިވި ފުރަތަމަ ފަހަރަށް ވީ އިރު އިއްޔެގެ މެޗުގައި އެޓީމަށް މާ ގިނަ ހަމަލާތައް އުފެއްދިފައެއް ނުވެއެވެ.