އެޑިއުކޭޝަން މިނިސްޓްރީއަށް ނޭނގި އިމާދުއްދީން ސަކޫލުގައި ކުލަގަދަކޮށް ޓީޗަރުންގެ ދުވަަސް ފާހަގަކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މީހަކު ބުނީ އެ ސްކޫލުގައި ކުލަގަދަކޮށް ފާހަގަ ކޮށްފައި ވަނީ ޓީޗަރުންގެ ދުވަސް ކަމަށެވެ. އެގޮތުން ކޭކު ފެޅުމާއި ޓީޗަރުންގެ ދުވަހުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

އިޖުތިމާއީ ގައިދުރު ކަމެއް ނެތި ކުރިއަށް ގެންގޮސްފައިވާ އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޓީޗަރުން ބައިވެރިވެފައި ވެއެވެ.

މި ކަމަކާ ގުޅިގެން ސްކޫލުގެ ސީނިއާ ސްޓާފެއް ވިދާޅުވީ، ސްކޫލުތައް މިއަދު ހުޅުވޭތީ، ޓީޗަރުންނާ ބައްދަލުކޮށްފައި ވާހަކަމަށާއި އަދި އެ ބައްދަލުވުމުގައި ކުޑަ ސައެއް ހެދީ ކަމަށެވެ. އެއީ ޓީޗާސްޑޭ ފާހަގަ ކުރުން ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލު ކުރުމުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ސުކޫލުގައި ޕާޓީއެއް ހިނގަމުން ނުދާ ކަމަށާއި އިއްޔެ އެ ސްކޫލުގައި ބާއްވާފައި ވަނީ މިއަދަށް ތައްޔަރު ވުމުގެ ގޮތުން ބައްދަލުވުމެއް ކަމަށެވެ.

އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހުއްދައެއް ދީފައިވޭތޯ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި ސުވާލު ކުރުމުން ބުނީ އެފަދަ އެއްވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށާއި އެއްވެ އުޅުމުގެ އެއްވެސް ހުއްދައެއް ނުދޭނެ ކަމަށެވެ.

އެ ސްކޫލުގައި އެފަދަ ހަރަކާތެއް ބާއްވާފައި ވާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން ގިނަ ތަންތަނަށް އެއްވެ އުޅުން މަދުކުރުމަށް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ އެޗްޕީއޭ ގެ ގައިޑްލައިން އަށް އަމަލު ކުރުން ކަމަށް ސިއްހީ ފަރާތްތަކުން ބުނަމުންދާ ނަމަވެސް އެކި ފަރާތްތަކުން ދަނީ މަސްދަތުރުތަކާއި ޕާޓީ ހަފްލާތައް ބާއްވަމުންނެވެ.

މިފަދަ ހަރަކާތެއް ބާއްވާފައި ވާއިރު ފާހަގަ ކޮށްލަން ޖެހޭ އަނެއް މުހިންމު ކަމަކީ މިއަދަކީ ސްކޫލުތައް އަލުން ހުޅުވާލާ ދަރިވަހުން ސްކޫލަށް ދާން ފަށާ ދުވަސް ކަމެވެ.