މާލޭގެ ހެންވޭރުގައި ހުރި ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާލޭ ހެންވޭރުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމަށް އާންމު ފަރާތަކުން މިއަދު 11:58 ހާއިރު މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އަދި މަރުވެފައިވާ މީހާއަކީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.