ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ގައުމަށް ނޫންކަމަށް ފްރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވެފައިވަނީ ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖްގައި، ދުނިޔެއިން ނިއުކްލިއާ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކޮށް ހުރި ގައުމުތަކުން ވީއެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

އޭގެ އިތުރުން ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ގައުމަށް ނޫންކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަގްވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވަމުން، ރާއްޖެއިން އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީ ގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވިއެވެ.