ރ. ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 37.8 މިލިއަން ރުފިޔާގެ އެ މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ވަނީ ދުވާފަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިންގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރ. ދުވާފަރު ދާއިރާގެ މަޖްލިސް މެމްބަރު އިސްމާއިލް އަހުމަދެވެ.
އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގާ ގޮތަށް 4,960 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17.790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އެމަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައި ވާއިރު، މަޝްރޫއު ނިންމޭނެ ކަމަށް ލަފާ ކުރަނީ 300 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިއެމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖޫން 12، 2019 ގައެވެ.
އެމްޓީސީސީން ބުނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 77 ޕަސަންޓް ނިމިފައިވާ ކަމަށެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭގޮތަށް 6813 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރަށެވެ.