ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ކޮންމެ ދުވަހަކު އަލަށް ފެންނަ ވަރު މިހާރު މިވަނީ 100 އަށް ވުރެ ދަށުގައި ހިފެހެއްޓިފައެވެ. މީގެ ކުރިން މިގޮތަށް ކަންތައްވީ ފަހަރުތަކުގައި އާއްމުންގެ ކިބައިން ފެނުނީ އެންމެ އެދޭ ފަދަ ބަދަލެއް ނޫނެވެ. އޭރު ހީވީ ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރެވިގެން މީހުން ނުކުތް ހެންނެވެ. ބާޒާރުތަކާއި މަގުތައް ތޮއްޖެހުނެވެ. އޭގެ އިތުރުން، ހަފްލާތަކާއި އެއްވުންތަކާ ދިމާލަށް ވެސް ބަޔަކު ދިޔައެވެ.

ކޮވިޑްގެ ވަރުގަދަ ދެ ވަނަ ރާޅެއް ބިންދާލީ އެހިސާބުންނެވެ.

އެގޮތަށް ކަންތައް ވުމުގެ ބައެއް އުޒުރުތައް ވެސް މީހުން ދައްކަ އެވެ. ފުރަތަމަ ކަމަކީ އޭޕްރިލްމަހު މާލެއިން ފުރަތަމަ ފެނުނު ކޮމިއުނިޓީ ކޭސްތަކާ އެކު މާލެ ސަރަހައްދު ލޮކްޑައުންކުރުމެވެ. ޖެހިގެން އައި ތިން މަސްދުވަސް މީހުން ހޭދަކުރީ ވަރަށް ދަތިހާލުގައި، ގޭގައެވެ.

ރައްޔިތުން ތަހައްމަލުކުރި އެ ދަތިކަމަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖުލައިމަހުފިޔަވަޅުތަކަށް ލުއިދިނީ ވެސް ތަންކޮޅެއް ބޮޑުކޮށެވެ. އެގޮތުން ދިން ލުއިތަކާއި ރައްކާތެރިކަމުގެ އުސޫލުތަކަށް އާއްމުން ދިން ސަމާލުކަމަށް އައި ހީނަރުކަމުގެ ނަތީޖާ އޮގަސްޓްމަހު ފެނުނެވެ. އެމަހުއާއްމުކޮށް ދުވާލަކު 150 ވަރަކަށް ކޭސް ދިޔައީ ފެންނަމުންނެވެ. އެހެންވެ، ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ އޮކިއުޕަންސީ ވަރަށް މައްޗަށް ގޮސް، ކަންބޮޑުވާ ހާލަތެއް އުފެދުނެވެ.

އޮގަސްޓްމަހު އެގޮތަށް ކަންތައް ވެފައި އޮއްވައިމެ، މިދިޔަ ސެޕްޓެމްބަރު މަހު ކޭސްތައް ދަށްވާން ފެށުމާ އެކު އަނެއްކާވެސް ބައެއް މީހުން ކުރަން ފެށީ ފިޔަވަޅުތައް ލުއި ނުކުރާކަމުގެ ޝަކުވާއެވެ.

ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު ކޮވިޑްގެ ހާލަތު ވަޒަންކުރަން ހުރި އިންޑިކޭޓާސްތަކަށް ބަލާއިރު، ރާއްޖޭގެ ހާލަތު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ، ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށް ވެސް އޭނާވިދާޅުވިއެވެ.

ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް. އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ
ޑރ. ޝީނާ

އޭނާވެސް ފާހަގަކުރައްވާ ގޮތުގައި، ޖުލައިމަހު ރާއްޖޭގައި ލުއިތައް ދިނީ ބަލި ފެތުރުން އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވި، ނުވަތަ "ގްރީން ޒޯނަށް ނުދެވި" އޮއްވައެވެ. އެފަހަރުގެ ތަޖުރިބާއަކީ އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވި އޮއްވައި ލުއި ދިނުމުން، މީހުންގެ ސަމާލުކަން ކުޑަވެ، ބާރު ސްޕީޑުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ދިއުމެވެ. އެ ތަޖުރިބާ ތަކުރާރުނުވުން މުހިއްމެވެ.

ކުރީގެ ތަޖުރިބާ އަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަށް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބައޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު، ދެތިން ހަފުތާއަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން
ޑރ. ޝީނާ

ރާއްޖޭގެ ނަތީޖާ އުފާވެރިއެއް ނޫން

ރާއްޖެއަކީ މި ސަރަހައްދުން ވެސް އެންމެ އަވަހަށް ކޮވިޑް-19 އަށް ހޭލުންތެރިވެ، ފިޔަވަޅުތައް އަޅަން ފެށި ގައުމެވެ. ރާއްޖެއިން ތައްޔާރީތައް ވާންފެށީ ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމުގެ ވެސް މާކުރިންނެވެ. ބަލި ފެތުރިއްޖެ ހާލަތެއްގައި މަސައްކަތްކުރަން ސިއްހީ ހިދުމަތްރިންނަށް ތަމްރީނު ދިނުމާއި އާއްމުން ހޭލުންތެރިކުރަން ފެބްރުއަރީ މަހު ވެސް އޮތީ ފަށާފައެވެ.

އެގޮތަށް މަސައްކަތް ފެށީ، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ގައުމަކަށް ވާތީ އެވެ. ރާއްޖޭގެ ޓޫރިޒަމަކީ، ގުދުރަތީ ރީތިކަން ދެކިލައި ބޯހަމަޖައްސާލަން މި ގައުމަށް އަންނަ މިލިއަނަކަށް ވުރެ ގިނަ ބޭރު މީހުންނަށް ކޮންމެ އަހަރަކު ހިދުމަތްދެމުން އަންނަ އިންޑަސްޓްރީއެކެވެ. ހަމަ އެއާ އެކު،ރާއްޖެ އަކީ، އެންމެ އާދައިގެ ތަކެތިން ފެށިގެން އެންމެ ބޮޑެތި މެޝިނަރީއާ ހިސާބަށް ވެސް މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާ ކުރާ ގައުމެކެވެ.

ކޮވިޑް ކޮންޓްރޯލްކުރަން ރާއްޖެއިން ދުރާލައި ވީ ތައްޔާރީތަކުގެ މާ އެދެވޭ ނަތީޖާއެއް ފެނުނުކަމަކަށް ބުނެވޭކަށް ނެތެވެ. ރާއްޖެއަށް ވުރެ އެތައް ގުނައެއް އާބާދީ ބޮޑު މެލޭޝިއާއާއި ރާއްޖެއާ އަޅާބެލުމުން މިކަން ވަރަށް ރަނގަޅަށް އޮޅުންފިލައެވެ. އެގައުމުގެ އަބާދީގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، ކޮވިޑްގެ ކޭސްތަކުގެ އަދަދަކީ 11،484 އެވެ. މަރުވިމީހުންގެ އަދަދަކީ 136އެވެ.

ރާއްޖެ އަކީ އެންމެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ، ކުޑަކުޑަ ޖަޒީރާ ގައުމެކެވެ.އެކަމަކު، ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާރު 10،000 ވުރެ މަތިވެއްޖެ އެވެ. މަރުވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.

މިއީ ވިސްނާލަން ޖެހޭ މުހިއްމު ތަފާސްހިސާބެކެވެ. މުހިއްމު ދެކަމެއް މި ނަތީޖާގައި އެބަ ހިމެނެއެވެ. ފުރަތަމަ ކަމަކީމެލޭޝިއާގެ އާބާދީ އެވެ. ރާއްޖެއާ އަޅާބަލާއިރު މެލޭޝިއާގެ އާބާދީ ނުބައްދަލެވެ.އެގައުމުގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، އެއްތަނެއްގައި ދިރިއުޅޭ މީހުންގެ އަދަދުވެސް ރާއްޖެއަށް ވުރެ ގިނަ އެވެ. ރާއްޖޭގެ އާބާދީ ކުޑަވެފައި މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި އޮތް އާބާދީ ބެހެނީ ދުރުދުރުގައި ފެތުރިފައިވާ ރަށްތަކެއްގެ މައްޗަށެވެ.

މީގެ މާނައަކީ، ގަބޫލުކުރަން އުނދަގޫވިޔަސް، ކޮވިޑާ މެދު އަހަރުމެން ފަރުވާކުޑަކޮށްފި ކަމެވެ.މި ބައްޔާ މެދު ފަރުވާތެރި ވެވުނީ ވާން ޖެހޭ ވަރަށް ވުރެ ކުޑަކޮށް ކަމެވެ.

ދެވަނަ ރާޅަކަށް ތައްޔާރުވެ، ހޭލާ ތިބެން ޖެހޭ

ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރުމަށް ފަހު އެބަލި ކޮންޓްރޯލްވި ގައުމުތަކުގެ ތަޖުރިބާ ދުނިޔޭގެ ހަތަރު ބިތުގައި ވެސް ދާދި އެއްގޮތެވެ. އަމާންއޮމާން ދުވަސްތަކަކަށް ފަހު ދެން ބިންދާލަނީ ބަލީގެ ދެވަނަ ރާޅެކެވެ. އެއާ އެކު، ހިތާ ދެކޮޅަށް ނަމަވެސް، ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅަން މަޖުބޫރުވެ އެވެ. މީހުން ދާން ޖެހެނީ "ގޭބަންދަށެވެ". އިގްތިސާދީ އިންޖީނު އަނެއްކާވެސް ހުއްޓުމަކަށް އާދެ އެވެ.

ޓޫރިޒަމް ފަދަ ޓާޝަރީ ނުވަތަ ސާވިސް އިންޑަސްޓްރީތަކުގެ ބަދަލުގައި ޕްރައިމަރީ އިންޑަސްޓްރީތަކުގެ މައްޗަށް އިގުތިސާދުބިނާކޮށްފައިވާ ބޮޑެތި ގައުމުތަކާ ހިލާފަށް، އެއީ ރާއްޖެއަށް "އެފޯޑް" ކުރެވޭނެ ހާލަތެއް ނޫނެވެ.

އަނެއްކާވެސް މެލޭޝިއާގެ މިސާލު ނަގާނަމެވެ. މި ފަހަރު، ކޮވިޑްގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގެ ގޮތުގަ އެވެ. ގިނަ އަދަދަކަށް ދިވެހިން ވެސް ދިރިއުޅޭ މެލޭޝިއާގެކޮވިޑް ގްރާފްގެ ކާވަށް ބަލައިލާއިރު ފެންނަނީ، ޖޫންމަހުން ފެށިގެން އެގައުމުގައި ކޭސްތައް ފެންނަ އަދަދުތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވާ ތަނެވެ. އެގޮތުން، ޖޫން 15ގައި 41 ކޭސް ފެނުނު ފަހުން ސެޕްޓެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް، އަލަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ހުރީ ދުވާލަކު 20 އަށް ވުރެ ދަށުގައެވެ. އެކަމަކު، އޭގެ ފަހުން ކޭސްތައް އިތުރުވެ، މިހާރު ކޮންމެ ދުވަހަކުވެސް 100 އަށް ވުރެ ގިނަ ކޭސް އެގައުމުން ދަނީ ފެންނަމުންނެވެ.

މެލޭޝިއާގެ މިސާލުން ފާހަގަވާ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ، ކޮވިޑް ކޭސްތައް ކިތަންމެ ދަށަށް ދިޔަ ނަމަވެސް، އަދި ކޮންޓްރޯލްވެފައި އޮންނަތާ ކިތަންމެ ދުވަހެއް ފާއިތުވެގެން ދިޔަ ނަމަވެސް، ވައިރަސް އަލުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމެވެ. މީގެ ކުރިން ފެތުރުނު މިފަދަ އެހެން ބައެއް ބަލިތަކާ ހިލާފަށް ކޮވިޑް-19 ގައި "ހާޑް އިމިއުނިޓީ" އުފެދި، އާބާދީގެ ބޮޑު ބައެއް ބައްޔަށް އިމިއުންވާ ހާލަތު ކޮވިޑްގައި އުފެދޭ މިންވަރު ދަށްކަން މި ކަމުން އެބަ ހާމަވެ އެވެ. ބައެއް ގައުމުތަކުގައި ކުރި ސާވޭތަކުން ވެސް ވަނީ އެކަން އެނގިފައެވެ.

ރާއްޖޭގައި މިހާރު އަޅާފައިވާ، ނިސްބަތުން ވަރަށް ލުއި ފިޔަވަޅުތަކާއި ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ގޮތުން ދަމަހައްޓަން ޖެހޭ އުސޫލުތައް ދޫކޮށްލެވެން ނެތް ސަބަބަކީ މިއެވެ. ކޮވިޑް-19 އަށް ވެކްސިނެއް އަދި ބޭހެއް ހޯދަން ދުނިޔޭގެ ކަންކޮޅުތަކުގައި ސައިންސްވެރިން ކެނޑިނޭޅި ކުރަމުން އެދާ ބުރަ މަސައްކަތުގެ ފޮނިމޭވާއެއް ލިބޭނީ އެ މަސައްކަތް ކާމިޔާބުވަންދެން ބަލި ކޮންޓްރޯލް ކޮށްފައި ބޭއްވިގެންނެވެ.

އެ ޒިންމާ އަހަރުމެން ކޮންމެ މީހެއްގެ ބޮލުގައި މި ވަނީ އެޅިފައެވެ!

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެނަމުގައި ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.