ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑިކަމާއެކު ކުޑަކުދިންގެ ހަށިގަނޑުން ފެށީ ކޮވިޑް-19 ސިންޑްރޯމް ބަލީގެ އަލާމާތްތައް ފަދަ ނުރައްކާތެރި އަލާމާތްތަކެއް، ބޮޑެތި މީހުންގެ ހަށިގަނޑުންވެސް މިހާރު ފެންނަމުން އަންނަ ކަމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފިއެވެ.

މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމް އިން އެޑަލްޓްސް (މިސް-އޭ) ގެ ނަންދީފައިވާ މި އަލާމާތްތަކަކީ، މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމް އިން ޗިލްރަން (މިސް-ސީ) އާއި އެއްގޮތް އަލާމާތްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މިސް-އޭ އަކީ ކަނޑައެޅިގެން ކޮވިޑް-19 އާ ގުޅިފައިވާ ކަމެއް ނޫން ކަމަށާ، ކޮވިޑް-19އަށް އިންފެކްޓްވެފައި ވާކަމަށް އިޝާރާތް ކުރަނިވި އަލާމާތްތަކެއްވެސް ނުފެނިދާނެ ކަމަށްވެއެވެ.

ކަރުތެރެއަށް ލޮނުފެން އަޅާ ދޮވެލައިގެން ކޮވިޑް-19އަށް ޓެސްޓު ކުރަނީ/ފޮޓޯ: ވިކްޓޯރިއާ ބަޒް

ކަންމިހެން އޮތް ނަމަވެސް، މިސް-އޭގެ ޝިކާރައަކަށްވެ، މިހާތަނަށް 3 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށާ، ކޮވިޑް-19އެކޭ އެއްގޮތަށް، މިސް-އޭގެ ހަމަލާވެސް ބޮޑަށް އަމާޒުވާތީ ފެންނަނީ ނަސްލީގޮތުން ބައިމަދު އާބާދީތަކުގެ މީހުންނަށް ކަމަށް ސީޑީސީގެ ޓީމަކުން ވަނީ ބުނެފައެވެ.

މިސް-އޭގެ ބައެއް ކޭސްތަކާ ބެހޭ ގޮތުން މައުލޫމާތު ހާމަ ކުރަމުން ސީޑީސީއިން ބުނީ، ކަންފަތުގައި ރަނގަބީލެއް ޖަހާ ޒާތުގެ އަޑެއް ހުންނާތީއާއި، ހޮޑުލެވި، މޭގައި ރިއްސާތީ، އުމުރުން 46 އަހަރުގެ (ކަޅު ނަސްލުގެ) ފިރިހެނަކު ހޮސްޕިޓަލުގައި ފަރުވާ ހޯދި ކަމަށެވެ. ކޮވިޑް-19އަށް ނެގެޓިވްވި ކަމަށާ، ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭނާ މި ދުނިޔެ ދޫކޮށްފައިވާކަމަށް ސީޑީސީއިން ބުނެއެވެ.

އިތުރު ކޭހަކަށް ބަލާއިރު، 22 އަހަރުގެ (ކަޅު ނަސްލުގެ) އަންހެނަކުވެސް ހުންއައިސް ހީ ކަރުވާތީ ހޮސްޕިޓަލަށް އައި ކަމަށާ، ރަނގަޅުވެގެން ގެއަށް ދެވުމާ ދެމެދު 19 ވަރަކަށް ދުވަސް ހޭދަވި ކަމަށް ސީޑީސީގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ކުދިންނަކަށް މިސް-ސީ ވަނީ ޖެހިފައެވެ. ކުޑަކުދިންގެ ހަށިގަނޑުން މިސް-ސީގެ އަލާމާތްތައް ފެނިފައިވަނީ، ކޮވިޑް-19 ޖެހި، ބަލިން ރަނގަޅުވާތާ ހަފުތާތަކެއް ފަހުންނެވެ.

އެޓްލާންޓާގައި ހުންނަ ސީޑީސީގެ އިމާރާތް/ފޮޓޯ: ބްލޫމްބާގް

މިސް-އޭ އާއި ބެހޭ ގޮތުން ސީޑީސީއިން ބުނީ، އުމުރުން 21 އަހަރާއި 50 އަހަރާ ދެމެދުގެ 27 ޕޭޝަންޓަކަށް ބަލާއިރު ގިނަ މީހުންގެ ހަށިގަނޑުން އިންފްލަމޭޝަންގެ އަސަރު ފެނުނު ކަމަށާ، ހިތާއި، ލިވާ އަދި ކިޑްނީ ފަދަ ގުނަވަންތައް މަސައްކަތް ކުރުމުގައި މައްސަލަ ދިމާވި ކަމަށެވެ. މި 27 ޕޭޝަންޓުންގެ ތެރެއިން 3 ބައިކުޅަ 1 ބައި ޕޭޝަންޓުން ކޮވިޑް-19އަށް ނެގެޓިވް ވެފައި ވާކަމަށާ، ނަމަވެސް އެންޓީބޮޑީޒްއަށް ޕޮޒިޓިވްވެފައި ވާކަމާށްވެސް މައުލޫމާތު ލިބެއެވެ.

މިސް-އޭ ގެ ބައެއް އަލާމާތްތަކުގެ ތެރޭގައި 24 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތަށް ހުން އައުމާއި، މޭގައި ރިއްސުމާއި، ހިތް ހިނގާ ދުވެއްޔަށް ބަދަލުތަކެއް އައުމާ، ބިހިގަނޑުތަކެއް ނެނގުން ފަދަ އަލާމާތްތަކެއް ފާހަގަކުރެވެއެވެ.