ކޮވިޑުގެ ސަބަބުން އިގްތިސާދީ ގޮތުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި ލިބެމުންދާ އެއް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފަ އެވެ. އެއީ އެންމެ ސަބަބަކާ ހުރެ އެވެ؛ ޓޫރިސްޓުން އައުން ހުއްޓުމުންނެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރެވެ. ޓޫރިޒަމް ބަރޯސާވެފައި އޮތީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގެ މައްޗަށެވެ. ގުޅިފައި ވަނީ، ވަޒަންވެރިވެގެން، ދިރިއުޅޭ ތަން ވަގުތީ ގޮތުން ދޫކޮށް އެހެން ތަނެއް ބަލާލަން، ހިތްހަމަޖައްސާލަން ކުރާ ދަތުރަކާ އެވެ. އެއްތަންވުމުގެ މައްޗަށެވެ. އެހެންވެ، ކޮވިޑުގެ ސަބަބުން އެ ކަންކަމަށް ހުރަސް އެޅުމުން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލީ އެވެ.
ކޮވިޑުގެ ސަބަބުން ވެއްޓިފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ދިވެހި ސަރުކާރުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ޓޫރިޒަމް އަލުން ކުރީގެ ހާލަތަށް ރުޖޫއަކުރުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމާ އެކު މަޑުމަޑުން ރާއްޖޭގެ އިގްތިސާދަށް ދިރުން އަންނަން ފަށައިފި އެވެ. އެކަމަކު، ޓޫރިޒަމްގެ މެދުފަންތީގެ ވިޔަފާރި ކަމަށްވާ ގެސްޓްހައުސްތައް އަލުން އޮޕަރޭޝަނަށް ގެނެވިފައި ނެތުމުން އަދިވެސް އާއްމު އިގްތިސާދު އޮތީ "ވެންޓިލޭޓަރުގަ" އެވެ. އިގްތިސާދީ ގޮތުން އެ ތަން ވަރަށް ބޮޑަށް އެބަ ދައްކަ އެވެ.
އިގްތިސާދީ ދުވެލީގެ އިސްޕީޑް ހަލުވިވުމާއި ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލުމާ ވަރަށް ބޮޑު ގުޅުމެއް އެބައޮތެވެ. އެ ތަންތަން ހިންގާ ގިނަ މީހުންނަކީ މެދުފަންތީގެ އާއްމު ވިޔަފާރިވެރިންނެވެ. ގެސްޓްހައުސް ތަރައްގީކޮށްފައި ވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެންނެވެ. އެ ތަންތަނާ ގުޅިފައިވާ އެތައް އާއްމު ކުދި ވިޔަފާރިވެރިން އެބަތިއްބެވެ. އެއީ، އެ މުޖުތަމައެއްގެ އެތައް ބަޔަކަށް، ހާއްސަކޮށް ޒުވާނުންނަށް، ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާ ވިޔަފާރިއެކެވެ. ވަށާޖެހޭ އިގްތިސާދަކަށް، ގެސްޓްހައުސް ހުޅުވުމުން މިއޮތީ ޒާތަކަށް މަޖުބޫރުވެފަ އެވެ.
ސުވާލަކީ ރިސޯޓްތައް އޮޕަރޭޝަނަށް ގެނައިއިރު ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ނުދިނީ ކީއްވެބާ އެވެ؟ ހަގީގަތަކީ ގެސްޓްހައުސްތައް ހުޅުވާލަން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އަދި އެ ކަމަށް ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން ކެނޑިނޭޅި އެދިއެދި ތިއްބަސް، ރިސޯޓްތައް ހުޅުވާލާ ފަސޭހަ އިން އެކަން ވާން ނެތް ކަމެވެ. އެއީ، ރިސޯޓްތައް ހިންގަނީ ރާއްޖެ އަށް ހާއްސަ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓަށް ކަމަށްވާތީ އެވެ. ރިސޯޓް މުވައްޒަފުން ވެސް ތިބޭނީ އެ ތަނުގައި ކަމަށްވުމުން އާއްމު މުޖުތަމައާ ކޮންޓެކްޓެއް ނެތި ރިސޯޓްތައް ހިންގޭނެތީ އެވެ.
ރިސޯޓްތަކާ ހިލާފަށް، ގެސްޓްހައުސް އަށް އަންނަ މީހާއާ ރަށުގެ ރައްޔިތުންނާ ކޮންޓެކްޓްވާނެ އެވެ. އެތަނުގެ މުވައްޒަފުން ދުވަހުގެ މަސައްކަތަށް ފަހު ދާނީ އާއިލާ ކައިރިއަށެވެ. އެހެންވެ އެއީ ބޮޑު ގޮންޖެހުމެކެވެ.
އެ ހަގީގަތް އެ ގޮތަށް އޮތަސް، އެންމެ ފަހުން ސަރުކާރުން މިވަނީ ގްރޭޓާ މާލެ އޭރިއާ ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް އަންނަ މަހުގެ 15 އިން ފެށިގެން ހުޅުވަން ހުއްދަ ދޭން ނިންމާފަ އެވެ. އެއާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހާއްސަ އުސޫލެއް ހަދާފަ އެވެ. އެ އުސޫލު ބުނާ ގޮތުން، ގެސްޓުހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭނެ އެވެ.
އެޗްޕީއޭ އިން ބުނާ ގޮތުގައި، ގެސްޓްހައުސްތަކަކީ މެދުނުކެނޑި ޓޫރިސްޓުން ދާ ތަނަކަށް ވާތީ، އެ ތަންތަން މެދުވެރިކޮށް އާއްމު މުޖުތަމައަށް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތަށް ކަރަންޓީން ވާ މީހުން އަމަލު ކުރަން ޖެހޭނީ މާލެ އިން ރަށްރަށަށް ގޮސް ކަރަންޓީންވާ މީހުން އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތަށެވެ. މާނަ އަކީ، މިސާލަކަށް ކ. މާފުށީގައި ގެސްޓްހައުސް އޮޕަރޭޓްކުރަން ފަށާ ހިސާބުން ފެށިގެން އެ ރަށުގެ މީހަކު އެހެން ރަށަކަށް ދާ ނަމަ، އެ ދާ ރަށެއްގައި އެ މީހަކު 14 ދުވަސް ވާންދޭން ކަރަންޓީންވާން ޖެހުމެވެ.
މި އުސޫލާ އެކު މިވަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިން ބުނަނީ ރަށުގެ ހުރިހާ އެންމެން ރަށު ބަންދުވާ ގޮތަށް ގެސްޓްހައުސްތައް ނުހިންގޭނެ ކަމަށެވެ.
ބ. އަތޮޅު ރަށެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ މީހަކު ބުނި ގޮތުގައި، އެ ރަށުގެ ރައްޔިތުންނަކީ ޒަރޫރީ ބޭނުމަށް އެ އަތޮޅުގެ އެހެން ރަށްރަށަށް އާއްމު ގޮތެއްގައި ދާ ބައެކެވެ. އެހެންވެ، ރައްޔިތުންނަށް އެ ދޮރު ބަންދުވާ ގޮތަށް ގެސްޓްހައުސް ނުހިންގޭނެ ކަމަށް އޭނާ ބުންޏެވެ.
މިކަމުގައި އޮތީ ކޮން ހައްލެއް ހެއްޔެވެ؟ ގެސްޓްހައުސް ނުހުޅުވާ ވާކަށް ވެސް ނެތެވެ. އެތައް ވިޔަފާރިއެއް އޮތީ ބަނގުރޫޓްވުމުގެ މަގުމަތީގަ އެވެ. އަނެއްކޮޅުން، ރައްޔިތުންގެ ސިއްހަތު ކޮމްޕްރޮމައިޒްވާ ގޮތަށް ވިޔަފާރިކުރަން ހުއްދައެއް ވެސް ނުދެވޭނެ އެވެ.
ގެސްޓްހައުސް ވިޔަފާރިވެރީގައި ހަރަކާތްތެރިވާ އެހެން މީހަކު ބުނީ، މި ކަމުގައި އޮންނަންވީ މެދުމިނުގެ ހައްލެއް ކަމަށެވެ. އެގޮތުން، އޭނާގެ ހިޔާލަކީ، ހާއްސަ އެސްއޯޕީއެއް ހަދައި ގެސްޓުންނަށް ބޭރަށް ދެވޭނީ ހަމައެކަނި ބީޗަށް ކަމަށް ހެދުމެވެ. އަދި އެ ގޮތަށް ބޭރަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް މަޖުބޫރުކޮށް، އެ ކަންކަން ބެލޭނެ ހަރުކަށި އުސޫލެއް ހަދަން ވެސް އޭނާ ލަފާދިނެވެ.
ގެސްޓް ހައުސް ހުޅުވުމަށް ކައުންސިލުން ބަލަން ޖެހޭ ކަންތައްތައް:
- ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރިތޯ ބެލުން
- ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތްކަން ޔަގީން ކުރުން
- ޓޫރިސްޓަކު ކޮވިޑް- 19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީ އަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުން
- އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19އާ ގުޅިގެން ތައްޔާރަށްތޯ ޔަގީން ކުރުން
- ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީން ކުރުން
- ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުން.
ގެސްޓްހައުސްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް:
- ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ހާމަކުރުން
- ގެސްޓްހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީން ކުރުން
- ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީން ކުރުން
- ގެސްޓްހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުން
- ހުރިހާ ސްޓާފުން ވެސް "ޓްރޭސް އެކީ" އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުން ކުރަން ބާރު އެޅުން
ގެސްޓްހައުސް ހިންގާ ރަށެއްގެ ރައްޔިތަކު ބުނީ، ގެސްޓްހައުސް ހުޅުވުމާ އެކު ލޮކްޑައުން ކުރާ ނަމަ ރައްޔިތުންނަށް ވަރަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު، ގެސްޓްހައުސްތައް ނުހުޅުވާ ނަމަ އަނެއްކާ ވެސް އިތުރު ދުވަސްތަކެއް ހޭދަކޮށްފި ނަމަ، އަނެއްކޮޅުން އިގްތިސާދު ފުނޑިދާނެ ކަމުގެ ބިރު ވެސް އޭނާ ފާޅުކުރި އެވެ. އެހެންކަމުން، އިގްތިސާދު އެއްކޮށް ފުނޑުފުނޑުވުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ދެވިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ އަދި މިހާރު ވެސް އެ ދާއިރާގެ މަތީ ފަންތީގެ ވަޒީފާއެއް އަދާކުރާ މީހަކު ފާހަގަކުރި ގޮތުގައި، ބޭސްފަރުވާ އާއި ވިޔަފާރި އަށް މިހާރު ފަސޭހަ އިން މާލެ ނުދެވޭއިރު، ގިނަ މީހުން ސިއްހީ ފަރުވާ އަށް ވެސް ދަނީ ރަށްރަށެވެ. އެކަމަކު، ގެސްޓްހައުސް ހުޅުވުމާ އެކު އެ ފުރުސަތު ގެއްލޭ ކަމަށް ވާނަމަ، އެއީ ބޮޑު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
ދެން އޮތީ މާލެ ސަރަހައްދެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި، މި ސަރަހައްދުގެ ގެސްޓްހައުސްތަކަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުންނެވެ. މިހާރު އެ ރޭޓް ހުރި ގޮތުން އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. އެކަމަކު، މާލެ އަކީ މިހާރު ވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކަށް ވާތީވެ، އިތުރު މާ ބޮޑު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް ނުބެލެވެ އެވެ.
މާލެ ސަރަހައްދަށް ވުރެ ގެސްޓްހައުސްތައް ގިނައީ ވެސް އަދި ޓޫރިޒަމްގެ ހަގީގީ މާނައިގައި ގެސްޓްތައް ހިންގަނީ އަތޮޅުތެރޭގަ އެވެ. މާލެ ސަރަހައްދުގައި ގޮންޖެހުމެއް ނެތަސް، އަތޮޅުތެރޭގައި ގެސްޓްހައުސްތައް ހުޅުވަން ބަލާއިރު އުނދަގޫތައް ގިނަ އެވެ. އެކަމަކު، އިގްތިސާދަށްޓަކައި އަދި އެތައް ބައެއްގެ ދިރިއުޅުމަށްޓަކައި، އާއްމުންނާއި ވިޔަފާރިވެރިން ވެސް ކޮންމެވެސް ވަރެއްގެ ގުރުބާނީތަކެއް ވެގެން، ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ އަށް އެއްބާރުލުން ދީގެން ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށަން މިއޮތީ ޖެހިފަ އެވެ. ސިއްހީ ގޮތުން ވެސް، އިގްތިސާދީ ގޮތުން ވެސް، މި ވަޅުގަނޑުން އަވަހަށް އަރައިގަނެވޭނީ އޭރުންނެވެ.