ޗައިނާގެ ގައުމީ ދުވަހާއި، އިތުރު 4 ގައުމެއްގެ މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ތަހުނިޔާގެ މެސެޖް ފޮނުއްވައިފިއެވެ.

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އަށް މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖްގައި އެގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި މިނިސްޓަރު ޝާހިދުގެ އަމިއްލަ ނަމުގައި ޗައިނާ ސަރުކާރާ ރައްޔިތުންނާއި މިނިސްޓަރު ވާންގް ޔީ އަށް ގައުމީ ދުވަހުގެ ހެޔޮ ތަހުނިޔާ ފޮނުވާކަމަށް ވިދާޅުވިއެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 71 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، ޗައިނާ އަކީ އެންމެ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި، މުޅި ދުނިޔޭގެ ކުރިއެރުމާ ތަރައްގީއަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން "ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމުން، މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ އެކުވެރި ގުޅުން ބަދަހި ކުރުމަށް ކުރެއްވުން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ގައުމީ ދުވަހުގެ އިތުރުން މިއަދު ފާހަގަކުރާ ނައިޖީރިއާ، ސައިޕްރަސް، ޕަލާއޯ އަދި ޓުވާލޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެގައުމުތަކުގެ ހާރިޖީ ވަޒީރުންނަށްވެސް މިނިސްޓަރު ޝާހިދު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.