2021 ގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭގައި ފެށުމަށް ބަދަލު ކޮށްފައި ވަނީ އަންނަ އަހަރަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން އަންނަ އަހަރު ގްރޭޑް 10 ނިންމާ ދަރުވަރުން އުމުރު ދޮށީކޮށް ނިމުމުން މަތީ ތައުލީމަށް ދާން ދިމާވާ ބައެއް މައްސަލަތަކާ ގުޅޭގޮތުން "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އުމުރުގެ މައްސަލަ އަކީ މަތީ ތައުލީމަށް ދާ ކުއްޖަކަށް ދިމާވާނެ މައްސަލައެއް ނޫން ކަމަށެވެ.

ސަބަބަކީ މިހާރުވެސް އޯ ލެވެލް ނިންމުމަށް ފަހު ލިބޭ 6 މަސްދުވަހުގެ ޗުއްޓީއަށް ފަހު އޭލެވެލް ކިޔަވަން ފަށާއިރު ކުއްޖާގެ އުމުރު ހުންނާނީ 17 އަހަރަށް އަޅާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުމުރަށް ބަލާއިރު، ހަގީގަތުގަ މިހާރުވެސް ދަރިވަރަކު ގްރޭޑް 10 ނިންމުމަށްފަހު 6 މަސް ވަރު އެ ކުއްޖާ ހުންނާނެ އޭ.ލެވެލް ފެށުމުގެ ކުރިއަށް ނަމަވެސް މިހާރު މި ވާގޮތަކީ އޯލެވެސް ނިންމާލާ ގޮތަށް އޭނައަށް އޭލެވެލް ހެދޭނެ. އެހެންވީމަ އޭލެވެލް ނިންމާއިރު އެ ކުއްޖާ ހުންނާނީ ކުރީގަވެސް އޭ ލެވެލް ފަށާ އުމުރުގަ، އެހެންވީމަ މަތީ ތައުލޫމު ހޯދަންދާ ކުއްޖާ ޑިސެމްބަރު ހޮލިޑޭސްގަ ނިންމާ ކުއްޖެކޭ މޭ/ޖޫންގަ ނިންމާ އިރު ހުންނާނީ ހަމަ އެއް އުމުރެއްގަ، ހަޔާ ސްޓަޑީސް އަށް ދާއިރު ކުއްޖާ ހުންނާނީ 18 ނުވަތަ 19 އަހަރުގަ، އެއަކަށް ބަދަލެއް ނާންނާނެ
ޑރ.ޢާއިޝަތު

މިނިސްޓަރު އެހެން ވިދާޅުވި އިރު، އޮގަސްޓްގެ ކުރިން އަހަރު ފުރޭ ހުރިހާ ދަރިވަރުން ސްކޫލު ނިމޭނީ އުސޫލުގައި ބުނާ އުމުރަށް ވުރެ ދޮށީ ކޮށެވެ. އަދި އެއީ، މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ދާ ބައެއް ދަރިވަރުންނަށް ވެސް ޔުނިވާސިޓީ/ކޮލެޓް ތަކުން ޕްލޭސްމަންޓް ހޯދުމުގައި ދިމާވާނެ މައްސަލައެކެވެ.

މި މައްސަލަ އެޑިއުކޭޝަނުގެ ސަމާލުކަމަށް ބެލެނިވެރިން ގެނެސްފައި ވާއިރު މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ ކަމާ ގުޅުން ހުރި ދާއިރާތަކުގެ މީހުންގެ ހިޔާލާ މަޝްވަރާ ހޯދައިގެން ބަދަލު ގެންނަން ކަމަށް މިނިސްޓްރީން ބުނެއެވެ.

ރޭ މިނިސްޓަރު އިތުރަށް ވިދާލުވީ، ދިރާސީ އަހަރު ބަދަލު ކޮށްފައި ވަނީ އަންނަ އަހަރަށް އެކަނި ކަމަށާއި އެކަން ދާއިމީ ކުރާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ގެންނަ ބަދަލުގެ ސަބަބުން ނުކުުންނާނީ އެދެވޭ ނަތީޖާ އެއްތޯ ނުވަތަ ނޭދެވޭ ނަތީޖާ އެއް ތޯ ބައްލަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެއެވެ.

2021ގެ ދިރާސީ އަހަރު، އަހަރުގެ މެދު ތެރޭގައި ފެށުމަށް ނިންމާފައި ވަނީ ސޯޝަލް ކައުންސިލްގެ ލަފައާއެކު ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ކަމާ ގުޅުން ހުރި ފަރާތްރަކުގެ ހިޔާލު ހޯދާ އެކަމާ މަޝްވަރާ ކުރެވެމުން ދާ ކަމަށާއި މަޝްވަރާތަކަށް ފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

އެޑިއުކޭޝަނުން ބުނެފައި ވަނީ މިގޮތަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނު ލަސް ކުރުމުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް ކަމަށެވެ.