މިހާރު ފާޑުކިޔުން އަމާޒުވަނީ ކުރާ ކަންކަން ގިނަވެގެން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ، ކުރިން ފާޑުކިޔާ، މަލާމާތް ކުރަނީ ކަންކަން ނުކޮށްގެން ކަމަށާއި މިހާރު އެއާ އިދިކޮޅަށް ފާޑުކިޔުން އަމާޒުވަނީ ކުރާ ކަންކަން ގިނަވެގެން ކަމަށެވެ. ހުރިހާ ކުޅިވަރެއް ޔޫތު މިނިސްޓްރީގެ މެންޑޭޓް ތެރެއިން ޒުވާނުންނާ ގުޅިގެން ދާނީ ބާރަށް ކުރިއަށް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ ހދ. ކުރިނބި ދަނޑު ނިންމާލެވިފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއްވެސް ކުރައްވާފައެވެ. އެގޮތުން އެ ފުޓްސަލް ދަނޑު ނިންމާފައި ވަނީ އެ ރަށުގެ ޒުވާނުންނާއި ކައުންސިލުން އެދިފައިވާ ގޮތަށް ކަމަށް މަހްލޫފް ފާހަގަ ކުރެއްވިއެވެ. އެ މަސައްކަތުގައި އެ ރަށުގެ ޒުވާނުންނާއި ކައުންސިލްގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދުގެ އެހީތެރިކަން ލިބިވަޑައިގެން ކަން ފާހަގަ ކުރައްވާ މަހްލޫފް ވަނީ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މީގެ އިތުރުން އިއްޔެ މަހްލޫފް ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓް އާ ގުޅިގެން ގިނަ ރަށްތަކެއްގައި ޓާފް ދަނޑު އެޅުމުގެ އެއްބަސްވުން ތަކެއްގައި ސޮއިކުރައްވައިފައެވެ. އެ ރަށްތަކަކީ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، އަދި އައްޑު ސިޓީއެވެ.