ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސްސީ) އިން ތަހުގީގު ކުރަން ނިންނަމައިފިއެވެ.

ޖޭއެސްސީން ބުނީ، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު 2 މައްސަލައެއް އެ ކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް ހަވާލު ވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރު ކޮށްފާނެ ފަދަ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަން ތަހުގީގު ކޮމިޓީއެއް އެކުލަވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އެގޮތުން މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ނުކުރާކަމަށް ބެލެވޭތީ ކަމަށް ޖޭއެސްސީން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުރަން ނިންމާފައި ވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި މި އަހަރުގެ 71 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުންވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސލަަތައް ބަލަމުންދާނެ ކަމަށެވެ.