ކްރިމިނަލް ކޯޓުން ބޭރުކޮށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަތް ދައުވާ އަލުން ބަލަން ހައިކޯޓުން އަމުރު ކުރުމުން އެ މައްސަލަތަކާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމާ މެދު މިއަދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލަތައް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރި ވުމުގައި ބައިވެރި ވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ކޯޓުން ނިންމާފައި ވަނީ އިއުތިރާފުގެ އެއްބަސްވުން ވެފައިވާ ގޮތް ސައްހަ ނޫން ކަމަށް ކަނޑައަޅައި ހުށަހަޅާފައިވާ ހަތް ދައުވާ ދަށު ކޯޓުން ބާތިލު ކުރި ކުރުމަކީ ރަނގަޅު އިޖުރާއަތެއްގެ މައްޗަށް ބިނާ ކުރި ނިންމުމެއް ނޫން ކަމަށެވެ. އަދި އަދީބުގެ ބަންދަށް 15 ދުވަސް ޖެހުމަށް ފަހު ހަތް ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ކޮށްފައެވެ.