އެމްއާރްޑީސީގެ ލޭންޑިން ކްރާފްޓެއްގެ މައްސަލައިގައި، އެކުންފުނީގެ ބޯޑުގެ 4 މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ 2014 ވަނަ އަހަރު އެމްއާރްޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސެންޓަށް ވާ ފައިސާ ދީފައިވަނީ އެމްއާރްޑީސީގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި އެ މައްސަލައިގައި ދަޢުވާ ކުރުމަށްޓަކައި ސެޕްޓެންބަރު 29، 2020 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިވާ ކަމަށެވެ.

އެމައްސަލައަކީ، އޮކްޓޫބަރު 16، 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ޑިސެމްބަރު 22، 2019 ގައި މި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަހުގީގުކުރި ޓީމުން އެދިފައިވާތީ، މި މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަހުގީގު ފުރިހަމަ ކުރުމަށް ފެބުރުވަރީ 24، 2020 ގައި ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ނިންމުމާގުޅިގެން، އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް މާރިޗު 01، 2020 ގައި އިންވެސްޓިގޭޝަން ޓީމާ ހަމާލުކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

އޭސީސީން ބުނީ ސެޕްޓެންބަރު 29، 2020 ގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ އެގޮތުން ފުރިހަމަކޮށްފައިވާ ތަހްގީގާގުޅޭ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ، އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުހައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަހުމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުހައްމަދު އަލީދީދީ (ގ.މާބަދި) ގެ މައްޗަށެވެ.

އެފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެމްއާރްޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިން ކްރާފްޓް ގަންނަ ޖުމްލަ އަގުގެ ފަންސާސް އިންސައްތަ އަށްވާ ހަތްމިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމް އާއި މުހައްމަދު ރިޔާޒް އާއި އަހްމަދު ރަޝީދު އަދި މުހައްމަދު އަލީދީދީއަށް އެނގިހުރެކަން އޭސީސީން ކުރި ތަހުގީގަށް އެނގިފައިވާކަމަށް އޭސީސީން ބުނެއެވެ.

އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީވެސް އޭނާގެ އެއަމަލުގެ ނަތީޖާ އެނގިހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭތީ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޒީމް އާއި މުހައްމަދު ރިޔާޒް އާއި އަހްމަދު ރަޝީދު އަދި މުހައްމަދު އަލީދީދީގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް، ޕީޖީ އޮފީހަށް ފޮނުވަން ނިންމީ ކަަމަށް އޭސީސީން ބުނެއެވެ.