މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލައިގައި މާލޭގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ އެ މައްސަލައިގައި ސިފާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ ކަމަށެވެ.

އެ މައްސަލައިގައި އެކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ މަސައްކަތްތަކުގެ ތެރެއިން 02 ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫންކަން ތަހުގީގުން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަން ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގެއެވެ.
އޭސީސީ

އޭގެ އިތުރުން ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކޮށްފައި ވާއިރު އަަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާ އަށް ކަމަށް ވެފައި، އެ ހުއްދަ ދިނީ މޭޔަރު ސިފާ ކަން އެ ކޮމިޝަންގެ ތަހުގީގުން އެނގިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގުން ފާހަގަ ވެފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.

ހަމައެހެންމެ ސްރީލަންކާގެ ކުންފުންޏަކުން. ދެ ފާހާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މޭޔަރު ސިފާ އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް އޮކްޓޫބަރު 15، 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައި ވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް އެ ކުންފުނިން އެދިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ހަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) އާ އެއްގޮތައްކަމަށްވީހިނދު، އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރ ސިފާ މުޙައްމަދު ހިއްސާކޮށްފައި ނުވާކަން ތަޙްޤީޤަށް ވަނީ އެނގިފައެވެ. އަދި ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގެއެވެ.
އޭސީސީ

އޭސީސީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމާއި، ޖުމްލަ 3 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ސިފާ ބިޑް ކޮމިޓީގައި އެދިފައި ވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް 02 ފާހާނާބަރި ހިމެނޭގޮތަށް އިމާރާތް ތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް އެދި މޭޔަރު ސިފާ ބިޑް ކޮމިޓީއަށް އޮކްޓޫބަރު 21، 2019 ގައި މެމޯ ފޮނުވާފައި ވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައި ވާކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން އަމިން ކޮންސްޓްރަކްޝަން އާ މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައި ވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.25 ވަނަ މާއްދާގައި ބަޔާން ކުރާފަދަ ހާލަތެއް ދިމާވެފައި ވާކަމަށް ތަހުގީގުން ގަބޫލުނުކުރެވޭ ކަމަށް އޭސީސީން ބުނެއެވެ. އަދި ފާހާނާބަރި ފިޔަވައި ހަދަން ހުރި އިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އިއުލާނު ކޮށްފައި ވާތީ އެ އުސޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަމާއި، ހުރިހާ އިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތް ކޮށްފައި ވާކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފައި ވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ނުވާކަން ތަހުގީގުން އެނގިފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ.