ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްގެ މަގާމުންނާއި، އެ މަޖިލީހުން، އިބްރާހިމް އިސްމާއިލް އިސްތިއުފާ ދެއްވައި ކުޅިވަރުގެ ދާއިރާއިން ރިޓަޔާ ކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިބްރާހިމް އިސްމާއިލް ރަސްމީކޮށް ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހި ކުޅިވަރު ކުރިއެރުވުމަށް އިބްރާހިމް އިސްމާއިލް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިބްރާހިމް އިސްމާއިލް ވަނީ 44 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރައްވައިފައެެވެ. އިބްރާހިމް އިސްމާއިލް ފުރުއްވި ދިވެހި ކުޅިވަރުގެ އެންމެ އިސް މަގާމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމެވެ. އަދި އޭނާ ވަނީ އެ ކޮމިޓީގެ ނައިބް ރައީސްކަމާއި ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވައިފައެވެ.

އިބްރާހިމް އިސްމާއިލް އަކީ ކުޅިވަރު ދާއިރާގެ އިތުރު ތައުލީމީ ދާއިރާގައިވެސް ގިނަ ހިދުމަތްތަކެއް ކުރައްވައިފައިވާ ފަރާތެކެވެ. އެގޮތުން ތައުލީމީ ދާއިރާގައި 43 އަހަރު އިބްރާހީމް އިސްމާއިލް ވަނީ ހިދުމަތް ކުރައްވާފައެވެ.