ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ސެނިޓައިޒް ކުރަން ބޭނުންކުރާ 2 ޓްރަކް ހަދިޔާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދެ ޓްރަކް ދީފައި ވަނީ މިއަދު ކަމަށެވެ. އަދި އެ އެހީގެ ސަބަބުން ރާއްޖެއިން ކޮވިޑް-19 ނައްތާލަން ކުރާ މަސައްކަތުގައި އެހީވެގެންދާނެ ކަމަށެވެ.

އެގޮތުން އާންމު ތަންތަން ޑިސްއިންފެކްޓް ކުރުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސެނެޓިޒް ކުރާ ޓްރަކްތައް އެހީތެރިވެ ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެތަކެތި ހަދިޔާ ކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެތަކެތީގެ ސަބަބުން ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޔޫއޭއީ އިން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އެގައުމުން ވަނީ ފަސް މިލިއަން ޑޮލަރުގެ މެޑިކަލް އިކުއިޕްމެންޓާއި އެހީ ފޯރުކޮށްދީފައި ވެއެވެ.