ހިތް ބޭނުންކޮށްގެން، ހިތުގެ ބަލިތައް ބަލި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިހެން އިލްތިމާސް ކުރެއްވީ، ބައިނަލްއަގްވާމީ ހިތުގެ ދުވަހުގެ ތަހުނިޔާ ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވަނީ، މިއަދު ފާހަގަ ކުރަމުން މިދާ ހިތުގެ ދުވަހު، ހަރަކާތްތެރިކަމާއެކު، ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ދިރިއުޅުމުގެ ވައްޓަފާޅި އެކުލަވާލުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

އަދި ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ލަސްކޮށް، ކަންބޮޑުވުމާއި ހާސްކަން ކޮންމެ ދުވަހަކު އިތުރުވެފައިވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ ހިތުގެ ބޭނުންކޮށްގެން، ކޮވިޑްގެ ތޫފާން ބަލި ކުރުމަށް ވެސް ބާރުއަޅުއްވާފައެވެ.

ހިތުގެ ބޭނުން ކުރެއްވުމަށް ރައީސް ސޯލިހް އިލްތިމާސް ކުރައްވާފައި ވަނީ، އެއީ މިއަދުގެ ޝިއާރެއް ކަމުގައި ވޯލްޑް ހާޓް ފެޑަރޭޝަނުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަށް ވީތީއެވެ. "ޔޫޒް ހާޓް"، މި ޝިއާރުން ބާރު އަޅަނީ، ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ހިތް ބޭނުން ކުރުމަށާ، މުޖުތަމައުއާއި، ލޯބިވާ މީހުންނާއި އަމިއްލަ ނަފްސަށްޓަކައި "ހިތް ބޭނުން" ކުރުމަށެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ.

ހިތުގެ ބަލިތަކަކީ ރާއްޖޭގައި ވެސް އާންމު އެއްޗަކަށް ވީއިރު، އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވަނީ، ޓައިނީ ހާޓްސްގެ މަސައްކަތާއި އެކުއެވެ.