ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، 500000 އެއްހާ މިޔަރު މަރާލަން ޖެހިދާނެ ކަމުގެ އަޑުތައް ފެތުރިގެން ދިޔައީ ވައިރަސް ފެތުރުނުހާ ހަލުވި ދުވެއްޔެއްގައެވެ.
ތިމާވެށީގެ ތަޖުރިބާކާރުންނާއި ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ވަކާލާތު ކުރާ ފަރާތްތަކުން މިކަމާ ކަންބޮޑުވުން ފާޅުކޮށް، މީޑިއާގައި ވާހަކަދައްކަން ފެށުމާއެކު، ބައިނަލްއަގުވާމީ މީޑިއާގެ ރާޑަރަށް އެރި ވާހަކަ، ދިވެހި މީޑިއާތަކަށްވެސް ތިލަވިއެވެ.
ކަން މިހެން އޮތް ނަމަވެސް، ވެކްސިން އުފެއްދުމަށް ބައި މިލިއަނެއްހާ މިޔަރު މަރަން ޖެހެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟
ފުޅާ ދާއިރާއެއްގައި ތަރައްގީ ކޮށް ވިއްކަން ހުންނަ ވެކްސިންތަކަށް 'އެޖުވަންޓް'އެއް ބޭޏުންވެއެވެ. މިއީ ފާމަކޮލޮޖިކަލް ނުވަތަ އިމިއުނޮލޮޖިކަލް އޭޖެންޓެކެވެ. މިއީ ވެކްސިންގެ ސަބަބުން ލިއްބައިދޭ ދިފާއީ އިޖާބައިގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާއެކެވެ.
މި މާއްދާއަކީ މިޔަރުގެ ލިވާ (ޗިސްމޭ) ގައި ހުންނަ މާއްދާއެކެވެ. މިއީ ދިފާއީ ނިޒާމުގެ އަވަސް އަދި ކާމިޔާބު އިޖާބައެއް އުފައްދަނިވި މާއްދާއެކެވެ.
7 ބިލިއަން މީހުންގެ އާބާދީއެއް އޮތް މި ދުނިޔޭގެ ކޮންމެ މީހަކުވެސް މިވަގުތު އިންތިޒާރު ކުރަމުންދަނީ ވެކްސިނަކަށް ކަމަށްވާއިރު، ކޮވިޑް-19އަށް ތަރައްގީ ކުރާ ވެކްސިނަކީ، ދުނިޔޭގެ ތާރީހުގައިވެސް އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ ޑޯޒް ތަރައްގީ ކުރާ ވެކްސިނަށް ވެގެންދާނެއެވެ. ކަންމިހެން އޮތްއިރު، އެޖުވަންޓްއަކީ ކޮންމެ ޕޭޝަންޓަކަށް ވެކްސިން ބޭނުންވާ މިންވަރު މަދު ކޮށްދޭ މާއްދާއެއްވެސްމެއެވެ.
އެކި ވެކްސިންގައި ބޭނުންކުރަނީ އެކި އެޖުވަންޓްއެވެ. އިންފްލުއެންޒާއަށް އެންމެ އާންމު ކޮށް ތަރައްގީ ކުރާ ވެކްސިނަށް ބޭނުންވާ އެޖުވަންޓް ނަގަނީ ސުކުއާލީން ތެލުންނެވެ. މިއީ މިޔަރާއި، އިންސާނުންގެ ޗިސްމޭގައި ގުދުރަތީ ގޮތުން އުފެދޭ މާއްދާއެކެވެ. އަދިވެސް އިތުރު މަހުލޫގުތަކެއްގެ ޗިސްމޭގައި މި މާއްދާ ހުރި ނަމަވެސް، ވިޔަފާރީގެ ގިންތީގައި ވެކްސިން ތަރައްގީ ކުރުމަށް އެޖުވަންޓް ނެގުމަށް އެންމެ އާންމު މަސްދަރަކަށް ވެފައި ވަނީ މިޔަރެވެ.
މިޔަރުގެ ދިރުންތައް ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޝާކް އެލާއިޒް އިން ބުނާ ގޮތުގައި، ސްކުއާލީންއަކީ، ގަސްގަހާ ގެހިންވެސް އުފައްދާ މާއްދާއެކެވެ. އެހެން ކަމުން މިޔަރުތަކެއް މަރާލުމުގެ ބަދަލުގައި، ގަސްގަހުން މި މާއްދާ ހޯދުމަށް، އެ ޖަމިއްޔާއިން ދަނީ ގޮވާލަމުންނެވެ.