އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ އާސަނަލް ބައްދަލުކުރި މެޗު 3-1 އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލު ކަމަށް ވިޔަސް މެޗުގެ ފުރަތަމަ ލަނޑު ޖެހީ އާސަނަލުންނެވެ. އެއީ މެޗުގެ 25 ވަނަ މިނެޓްގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު އެންޑްރޫ ރޮބަޓްސަންއަށް ހެދުނު ގޯހަލުން އާސަނަލްގެ އެލެކްޒެންޑާ ލަކަޒެޓް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެހެން ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްގެ ތެރޭގައި ލިވަޕޫލްގެ ހުނަރުވެރި ފޯވަޑް ސާޑިއޯ މާނޭ ވަނީ ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ހަދާފައެވެ. އެއަށް ފަހު އާސަނަލްއަށް ލަނޑު ޖެހުމަށް މަގު ފަހިކޮށްދިން ލިވަޕޫލްގެ ކުޅުންތެރިޔާ ރޮބަޓްސަން ވަނީ ލަނޑެއް ޖަހާ ސްކޯ 2-1 އަކަށް ހަދާފައެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު އިތުރު ލަނޑުޖަހާނެ ގިނަ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. ހާއްސަކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އާސަނަލްއަށް ލިބުނު ދެ ފުރުސަތުގެ ތެރެއިން އެއް ފުރުސަތު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުޝިޔާރު ކަމާއެކު ހިފަހައްޓާފައެވެ.
މެޗުގައި ލިވަޕޫލުން ޖެހި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިސީޒަންގައި އަލަށް ޗެމްޕިއަންސް އާ ގުޅުނު ޑިއާގޯ ޖޮޓާއެވެ. ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ވުލްވްސްއިން 45 މިލިއަން ޕައުންޑަށް ލިވަޕޫލުން ގަތް ޖޮޓާ 88 ވަނަ ލަނޑު ޖަހާފައި މިވަނީ ލިވަޕޫލަށް ލީގުގައި ކުޅެދިން ފުރަތަމަ މެޗުގައެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ ތާވާލުގެ ދެވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތާވާލުގެ 1 ވަނައިގައި މިވަގުތު އޮތީ އާދިއްތަ ދުވަހު 5-2 މެންޗެސްޓާ ސިޓީ ބަލިކުރި ލެސްޓާ ސިޓީއެވެ.