ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ 5 ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު، 732.4 މިލިއަން ދިވެހި ރުފިޔާ) ގެ ކޮންސެޝަނަލް ލޯން އެހީއާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރަު އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެގައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެއް ކަމަށާއި އެ ލޯން އަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީހުގައި އެގައުމުން ފޯރުކޮށްދޭ އެންމެ ބޮޑު ލޯން އެހީ ކަމަށެވެ. އަދި ޖަޕާނުން ފޯރުކޮށްދޭ ލޯން އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވައި، އިގްތިސާދު ހަމަޔަކަށް އެޅުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނުން މެދުނުކެނޑި ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަމާންތަކަކަށް ދިގުދެމިފައިވާ ދެގައުމުގެ ގާތްގުޅުމަށް މިނިސްޓަރު ވަނީ އަލިއަޅުވާލައްވާފައެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކުރެވުމާ ގުޅިގެން އެލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިމަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނި ބުނެފައެވެ.