ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާގެ ޕްރަދީޕު ބަނދަރަށް ދަތުރު ކުރަމުން ދަނިކޮށް، މި މަހު ކުރީކޮޅު، ލަންކާގެ ކަނޑުގެ ސަރަހައްދުގައި އަލިފާން ރޯވި ޕެނަމާގެ އެމްޓީ ނިއު ޑައިމަންޑްގެ ވެރި ފަރާތުން، ސްރީލަންކާއަށް ބަދަލު ދޭން އެއްބަސްވެއްޖެއެވެ.

ބޯޓުގެ ވެރިފަރާތުން ސްރީލަންކާއަށް 1.84 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައި ވާއިރު، މި ފައިސާއަކީ އެ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށް ނިއްވާލުމުގެ އޮޕަރޭޝަނަށް ހިނގި ހަރަދު ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގެ ސަބަބުން ކަނޑަށް ބޭރުވި ތެލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއް، މި އަދަދުގައި ހިމަނާފައެއް ނުވެއެވެ.

1.84 މިލިއަން ޑޮލަރުގެ ބަދަލަކީ، ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއާއި، ޕޯޓް އޮތޯރިޓީ އަދި ސްރީލަންކާގެ ވައިގެ އަސްކަރިއްޔާއާއި މެރިން އެންވައިރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ ހިދުމަތަށް ދައްކާ އުޖޫރަ ކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރުކޮށްގެން ބޭނުން ކުރަމުންދިޔަ އެމްޓީ ނިއު ޑައިމަންޑްގައި އަލިފާން ރޯވީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައިވަނީ ބޯޓުގެ މައި އިންޖީން ރޫމުގެ ބޮއިލަރެއް ގޮވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޓީ ނިއު ޑައިމަންޑް މިހާރު އޮތީ ސްރީލަންކާގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދުން ބައްޓިކަލޯއާގެ 66 ނޯޓިކަލް މޭލު ބޭރުގައެވެ. ބޯޓުގެ 20 ކުރޫ މެމްބަރުން ދޫކޮށްލުމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ނިންމާފައި ވާއިރު، އަދިވެސް 1 ފަޅުވެރިއަކަށް ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ދެމުންއަންނަ ކަމަށް ޚަބަރު ލިބެއެވެ.

ކަން މިހެން އޮތް ނަމަވެސް، އެމްޓީ ނިއު ޑައިމަންޑްގެ ކެޕްޓަނަށް، ލަންކާއިން ފުރައިގެން ދެވޭކަށް ނެތެވެ. ކަމާ ބެހޭ ފަރާތްތަކުން ދަނީ އޭނާއާއި ދެކޮޅަށް ޝަރުއީ ދާއިރާ މެދުވެރިކޮށް ގާނޫނީ މައްސަލަތަކެއް ބަލަމުންނެވެ.