އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާ ލެސްޓާ ބައްދަލުކުރި މެޗު 5-2 އަކުން ލެސްޓާ ކާމިޔާބުކޮށްފިއެވެ.

ލެސްޓާއިން މެޗު ކާމިޔާބުކޮށްފައިވަނީ މެޗުގެ 4 ވަނަ މިނެޓްގައި ސިޓީއިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ 5 ލަނޑު ސިޓީ ކޮޅަށް ޖަހައިގެންނެވެ.

ސިޓީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ލެސްޓާއަށް ކުޅުނު ހުނަރުވެރި ފޯވަޑް ރިޔާޒް މަހްރޭޒްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާއިން ނަތީޖާ ހަމަހަމަ ކުރި އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިދިޔަ ސީޒަންގައި ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރުމުގެ ޝަރަފު ހޯދި ޖޭމީ ވާޑީއެވެ. ވާޑީ މިލަނޑު ޖަހާ ދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ދެވަނަ ހާފްގައި ލެސްޓާއިން ވަނީ ސީޓީގެ ކޮޅަށް އިތުރު ހަތަރު ލަނޑު ޖަހާ މިދިޔަ ސީޒަންގެ ރަނާސްއަޕް މުޅިން ސިއްސުވާލާފައެވެ. ލެސްޓާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާ ދިނީ ވާޑީއެވެ. އޭނާ އިތުރު އެއް ޕެނަލްޓީ ޓީމަށް ކާމިޔާބުކޮށް ދިން އިރު މެޗުގެ 54 ވަނަ މިނެޓްގައި ވާޑީ ވަނީ ހިތްގައިމު ލަނޑެއް ވެސް ޖަހާ ދީފައެވެ.

މެޗުގެ 77 ވަނަ މިނެޓްގައި ލެސްޓާގެ ޖޭމްސް މެޑިސަންގެ ލަނޑާއެކު ސްކޯ 4-1 އަކަށް ވީއިރު މެޗު ނިމެން ދަނިކޮށް ސިޓީ ނޭތަލް އާކޭ ޖެހި ލަނޑާއެކު ސިޓީ ކުޑަ ނަމަވެސް އުއްމީދެއް ލިބުނެވެ. އެހެން ނަމަވެސް މެޗުގެ 88 ވަނަ މިނެޓްގައި ލެސްޓާއަށް އަނެއްކާ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން 5-2 އަކުން ސިޓީގެ މައްޗަށް ލެސްޓާއަށް ކުރި ހޯދައިދިނީ ޓިއަލްމަންސްއެވެ. މިއީ ލީގުގެ ތާރީޚުގައި ވެސް އެއް މެޗެއްގައި އެއް ޓީމަކަށް ތިން ޕެނަލްޓީ ލިބުނު ފުރަތަމަ ފަހަރެވެ.

ލެސްޓާއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއް ވަނައިގައެވެ.

ސީޒަންގައި ސިޓީއިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފައިވާ އިރު އެޓީމު މިހާރު އޮތީ ތާވަލުގެ 13 ވަނައިގައެވެ.