މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި، ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިއަދު އެމްޓީސީސީގެ ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެޖަލްސާގައި ހިއްސާއަކަށް 2 ރުފިޔާ ބަހަން ނިންމުުގެ އިތުރުން އެކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެެ. އަދި 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުން ޕްރައިސްވޯޓާ ހައުސް ކޫޕާސް ވަނީ ހޮވާފައެވެ.

"ފަހިވޯޓު" މެދުވެރިކޮށް މިއަދު ބޭއްވި އެ ޖަލްސާ އަށް ބައިވެރިވެފައި ވަނީ 25 ހިއްސާދާރުންނެވެ. އެމްޓީސީސީން ބުނީ ޕްރޮކްސީ މެދުވެރިކޮށް 42 ހިއްސާދާރުން ތަމްސީލް ކުރި އިރު ޖަލްސާގައި މުޅިއެކު ތަމްސީލް ވީ 67 ހިއްސާދާރުން ކަމަށާއި އަދި 5,550,390 ހިއްސާ ކަމަށެވެ.

އެ ޖަލްސާގައި، ސަރުކާރުން އައްޔަން ކުރި ޑިރެކްޓަރުންގެ ނަންތައް ވެސް ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން ސަރުކާރުން އައްޔަން ކުރި ޑިރެކްޓަރުންނަކީ މުހައްމަދު ފަހީމް (ޗެއާމަން)؛ އާއި އާދަމް އާޒިމް (ޗީފް އެގްޒެކެޓިވް އޮފިސާ)އާއި ޝާހިދުހުސައިން މޫސާ (އެގްޒެކެޓިވް ޑިރެކްޓާ)ގެ އިތުރުން މުހައްމަދު ފަރީދު (ނޮންއެގްޒެކެޓިވް ޑިރެކްޓާ) އަދި ސިނާން އަލީ (ނޮންއެގްޒެކެޓިވް ޑިރެކްޓާ)އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ މަގާމަށް ނަސްރަތު މުހައްމަދު (ނޮންއެގްޒެކެޓިވް ޑިރެކްޓާ) ވަނީ އައްޔަން ކޮށްފައެވެ.