ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް އާއިޝަތު ރިޒުނާ މިއަދު ހަމަޖައްސައިފިއެވެ.

ރިޒްނާ، އެމަގާމަށް ހަމަޖައްސާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

އެގޮތުން އެއިސްލާހާއެކު ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވިގެންދާނެއެވެ. އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެއެވެ.

މީގެ ކުރިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ. ނަމަވެސް އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމާއެކު، އެ މަގާމުން ޑރ. ނަޒީރު ވަނީ ގެއްލިފައެވެ.

ރިޒުނާ ވަނީ މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވާފައެވެ.