ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓް ސަރަހައްދަކުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފުރަތަމަ ފަހަރަށް ރިޕޯޓްކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 33 މިލިއަނަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އަކުން ޖައްސާ ކޮވިޑް-19އަށް، 33063493 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރެމުން ދާ ގޮތަށް ބަލާއިރު އަދިވެސް އެންމެ ގިނަ އަދަދަކަށް އާ ކޭސް ރެކޯޑް ކުރަނީ އިންޑިއާއިންނެވެ. އިންޑިއާއިން އިއްޔެ 89010 ކޭސް ރެކޯޑް ކޮށްފައި ވާއިރު، ރޭ މެންދަމު 00:00 އިން ފެށިގެން މިހާތަނަށްވެސް 1951 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5992532 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ މަތީ އަދަދެވެ. އަދިވެސް ޖުމުލަ ކޭހުގެ ގޮތުން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ 7287593 ކޭސް ރެކޯޑް ކޮށްފައިވާ އެމެރިކާއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހިފައި ވާކަން ފާހަގަކުރަންޖެހެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)އިން ބުނާ ގޮތުގައި ކޮވިޑް-19ގައި މަރުވާ މީހުންގެ ނިސްބަތް މިވަގުތު މަޑުޖެހެން ފަށާފައިވަނީ، ކޮވިޑް-19ގެ ފަރުވާގެ ނިޒާމު ކުރިއަރާ ދާން ފެށުމުންނެވެ. ކަން މިހެން އޮތް ނަމަވެސް، ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، 24412947 މީހަކަށް ޝިފާ ލިބި، ބަލިނ ރަނގަޅުވެފައި ވާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 998812 އަށް އަރާފައި ވާއިރު، އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރެކޯޑް ކޮށްފައި ވަނީ 209177 ކޭހާއެކު އެމެރިކާއިންނެވެ. އެމެރިކާގެ ފަހަތުން ލިސްޓުގައި ދެން އޮތީ ބްރެޒިލްއާއި އިންޑިއާއެވެ.