އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓަޑާއި ބްރައިޓަން އަލްބިއަން އެންޑް ހޯވް ބައްދަލުކުރި މެޗު 3-2 އަކުން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ސަޕޯޓަރުންނާ ނުލާ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް އެޓީމުންނެވެ. މެޗުގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ބްރައިޓަންއަށް ކާމިޔާބު ކޮށްދީގެން ލީޑު ނަގާ ދިނީ ނީލް މައުޕޭއެވެ.

އެހެން ނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި ޔުނައިޓަޑްއަށް އެއްވަރު ކުރި ލަނޑު ވަނީ ބްރައިޓަންގެ ކެޕްޓަންގެ ލުއިސް ޑަންކްގެ އަތުން ބައިކޮޅަށެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ޖެހި ހިތް ގައިމު ލަނޑުން 2-1 އަކަށް ސްކޯ ހެދިއެވެ. ހާފްގެ ބޮޑު ބައިގައި ދެ ޓީމަށް ވެސް މާގިނަ ހަމަލާތައް ނުއުފެއްދުނު އިރު މެޗު ނިމެންދަނިކޮށް ބްރައިޓަންގެ ސޯލީ މާޗް ބޮލުން ޖަހާ ވައްދާލި ލަނޑާއެކު 2-2 އަކަށް ސްކޯ ވިއެވެ. އެހެން ނަމަވެސް އިތުރުވަގުތުގެ ގޮތުގައި ދެއްކި މިނެޓް ކޮޅުގައި ޔުނައިޑެޓްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން 3-2ގެ ނަތީޖާއެއް ކަށަވަރުކޮށް ދިނީ މިއަހަރުގެ ޖެނުއަރީ މަހު ޔުނައިޓަޑާ ގުޅުނު ބްރޫނޯ ފަނާންޑޭޒްއެވެ.

މިމެޗުގައި ބްރައިޓަންއިން އުފެއްދި ފަސް ހަމަލާއެއް ދަނޑީގައި ޖެހިފައި އަނބުރާ ނިކުތް އިރު ޔުނައިޓަޑްއިން ޖެހި ދެ ގޯލެއް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވީއޭއާރް ވަނީ އޮފްސައިޑް ލަނޑުތަކެއްގެ ގޮތުގައި ނިންމާފައެވެ.

މިއީ މިސީޒަންގެ ލީގުގައި ޔުނައިޑެޓް މޮޅުވި ފުރަތަމަ މެޗެވެ. ބްރައިޓަން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ.