ޔޫކްރައިންގެ އިރުމަތީ ސަރަހައްދަށް، ހުކުރު ދުވަހުގެ ވަގުތެއްގައި ވެއްޓުނު އަސްކަރީ މަތިންދާ ބޯޓުގެ ކަޅުފޮށި ފެނިފައި ވާއިރު، 26 މީހުންގެ ފުރާނަ ގެއްލިދިޔަ މިހާދިސާއާ ގުޅޭ، ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގުތައް މިހާރުން މިހާރަށް ފައްޓަވާނެ ކަމަށް، ޔޫކްރައިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވައުދުވެވަޑައިގެންފިއެވެ.

ޔޫކްރައިންގެ ދިފާއީ ވުޒާރާއިންވެސް ވަނީ މިކަމުގެ ތަހުގީގެއް ހިންގާނެކަން ހާމަކޮށްފައެވެ. ޔޫކްރައިންގެ ދިފާއީ ވަޒީރު، އެންޑްރިޔީ ޓާރާންއާ ހަވާލާދީ، އެ ވުޒާރާއިން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާއާ ބެހޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ފްލައިޓް ރެކޯޑަރުތަކުން ލުބުނު މައުލޫމާތު އިވެލުއޭޓް ކުރުމަށް ފަހުގައި ކަމަށެވެ.

އޭއެން-26 މަރުކާގެ މަތިންދާބޯޓު، ހުކުރު ދުވަހު ވެއްޓުނީ ތަމްރީނުތަކެއްގައި ބޭނުން ކުރަމުން ދަނިކޮށް ކަމަށް ޚަބަރު ލިބެއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި 27 މީހުން ތިބި ކަމަށާ، އޭގެ ތެރެއިން 20 މީހުންނަކީ ޔޫކްރައިންގެ އެއާފޯސް ޔުނިވާސިޓީގެ ޒުވާން ރެކްރޫޓުން ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންގެ ސެކިއުރިޓީ ސާވިސް އިން މައުލޫމާތު ދޭ ގޮތުގައި، ބޯޓު ވެއްޓުނީ ވާތު އިންޖީނު ފެއިލްވެގެންވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފްލައިޓް ކޮންޓްރޯލް ކުރަމުންދިޔައީ ޒުވާން ރެކްރޫޓުން ނޫންކަމަށާ، އެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ކްރޫ ކޮމާންޑަރު ކަމަށް އިބްތިދާއީ މައުލޫމާތުތަކުން ހާމަވާ ކަމަށެވެ.

1977 ވަނަ އަހަރު އުފައްދާފައިވާ މި ބޯޓަކީ، ކުރިން އާންމު ބޭނުންތަކުގައި ބޭނުން ކުރުމަށްފަހު، މިހާރު ތަމްރީނު ކުރުމަށް ބޭނުން ކުރާ ބޯޓެކެވެ. ޔޫކްރައިންގެ ސަރުކާރުން ވަނީ މި މޮޑެލްގެ ފްލައިޓްތަކުގައި އިތުރު ތަމްރީނުތައް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.