ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުން އެމްޑީޕީ މެމްބަރުންގެ އަދަދު ދަށަށް ޖެހިއްޖެއެވެ. ހިސާބުތައް ދައްކާ ގޮތުން ހާހަކާ ގާތްކުރާ އަދަދެއްގެ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އަދި އެ ދަފްތަރު ދައްކާ ގޮތުން ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވަނީ 1000 އިން މައްޗަށް ޖެހިފިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަޝިޕް ފޯމުތައް ޕްރޮސެސް ކުރުމަށް ފަހު، ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލުގެ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީގައި މިވަގުތު ތިބީ 52،952 މެމްބަރުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި 53،748 މެމްބަރުން ތިއްބެވެ. އެހެންކަމުން މި އަހަރު އެމްޑީޕީން 796 މެމްބަރުން ވަނީ ވަކިވެފައެވެ.

ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އޮތީ އިދިކޮޅު ޕީޕީއެމްއެވެ. ޕީޕީއެމްގައި 37،144 މެމްބަރުން އެބަތިއްބެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 36،054 މެމްބަރުންނެވެ. އެހެންކަމުން މި އަހަރު އެ ޕާޓީއަށް 1090 މެމްބަރުން ވަނީ އިތުރު ވެފައެވެ.

ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު:

  • އެމްޑީޕީ: 52952
  • ޕީޕީއެމް: 37144
  • ޖުމްހޫރީ ޕާޓީ: 13825
  • އެމްޑީއޭ: 8178
  • އަދާލަތު ޕާޓީ: 6640
  • ޕީއެންސީ: 4004
  • އެމްޓީޑީ: 3171
  • އެމްއާރުއެމް: 3023
  • ޑީއާރުޕީ: 2902
  • ލޭބާ ޕާޓީ: 2881

އެ ދެޕާޓީއަށް ފަހު ދެން އެންމެ ގިނައީ ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ. އެގޮތުން އެޕާޓީގައި 13825 މެމްބަރުން އެބަތިއްބެވެ. އެންމެ މަދު މެމްބަރުން ތިބީ މޯލްޑިވްސް ލޭބާ ޕާޓީއެވެ. އެގޮތުން އެޕާޓީގައި ތިބީ 2881 މެމްބަރުންނެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގަނީ ދައުލަތުގެ ބަޖެޓުން ފައިސާ ދީގެންނެވެ. ފައިސާ ދިނުމުގައި ބަލަނީ މެންބަރުން ތިބި އަދަދަށެވެ.

ދައުލަތުގެ ބަޖެޓުން ހަރަދު ކުރާއިރު، ގައުމު ބިނާ ކުރުމުގައި ޒިންމާދާރު މަސައްކަތެއް، ސިޔާސީ ޕާޓީތަކުން ނުކުރާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރާކަންވެސް ފާހަގަ ކޮށްލެވެއެވެ.