މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 2019 ވަނަ އަހަރީ އާއްމު ޖަލްސާ އާ ގުޅޭ ސުވާލުތައް ނުވަތަ ހިޔާލުތައް މާދަމަ 4:00 ކުރިން މެއިލް ކުރަން އެދިއްޖެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓާ ހިއްސާކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ހިޔާލުތައް މާދަމާ 4:00 ގެ ކުރިން، އެފަރާތެއްގެ އައިޑީކާޑުގެ ކޮޕީއަކާއެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިމަހު 27 ވަނަ ދުވަހުގެ ހަވީރު 4:00 ގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެޖަލްސާގައި މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ.

ހަމައެހެންމެ ޖަލްސާ ބާއްވަނީ އޮންލައިން ވަސީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވާން ބޭނުންވާ އެންމެހާ ހިއްސާދާރުން ސެޕްޓެމްބަރު 25، 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާ ކުރަން ޖެހޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެ ޖަލްސާގައި ހިއްސާދާރުންނަށް ބަހާނެ ފައިދާ އާ ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތަކަށް ވޯޓަށް އެހުން ވަނީ އެޖެންޑާ ކޮށްފައެވެ. ހަމައެހެންމެ ކުރިއަށް އޮތް ދައުރަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާނެ ފަރާތްތައް ކަނޑައެޅުމަށް އިންތިހާބު ބޭއްވުމަށް ވެސް އެޖަލްސާގައި ވަނީ އެޖެންޑާ ކޮށްފައެވެ.